ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލަކީ ދިވެހިރާއްޖެއަށް މި ވަގުތު އަސާސީ ބިލެއް ކަމަށާއި އެމްޑީޕީން ބޭނުންވަނީ 40 އަހަރު ފަހަތަށް ގައުމު ގެންދަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާ ތަމްސީލު ކުރައްވާ މެންބަރު، އިބްރާހިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މެންބަރު އިބްރާހިމް މި މޭރުމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލާ ގުޅޭގޮތުން މަޝްވަރާ ކުރައްވަމުންނެވެ. ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން މެންބަރު އިބްރާހިމް ވިދާޅުވީ، މި ޒަމާނުގައި އާންމު ދިރިއުޅުމުގައި ހުރިހާ ދާއިރާއެއްގައި ވެސް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ ކަމަށެވެ. އެހެންކަމުން ޑިޖިޓަލް ވަސީލަތްތަކާ ގުޅޭ ހަރުދަނާ ގާނޫނީ އޮނިގަނޑެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.
ޑިޖިޓަލް ޓްރާންސްފޯމޭޝަން ބިލަކީ މި ވަގުތު ރާއްޖެއަށް ނުހަނު ބޭނުންތެރި ބިލެއްކަން ފާހަގަކުރައްވައި، މެންބަރު އިބްރާހިމް ވިދާޅުވީ، ރާއްޖެއަށް ޑިޖިޓަލް ތަރައްގީ ގެންނަށް މި ސަރުކާރުން ބޭނުންވާ ކަމަށެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަސައްކަތް ކުރަނީ މިކަމަށް ހުރަސްއަޅައި، ގައުމު 40 އަހަރު ފަހަތަަށް ގެންްދަން ކަމަށް އޭނާ ވިދާޅުވިއެވެ.
”މި ބިލަކީ ދިވެހިރާއްޖެއަށް މި ވަގުތު އަސާސީ އެއްޗެކޭ. ކޮންމެ މެންބަރެއް ކުރިމަތީ މި އިންނަނީ ޑިޖިޓަލް ސްކްރީނެއް. ވޯޓު ދެނީ ޑިޖިޓަލީ. މި އެހެން ޒަމާނަކަށް އައިސްފަ މިއޮތީ. އެެހެންވީމަ މިހާރު އަޅުގަނޑުމެން އެބަ ބޭނުންވޭ ދިވެހިރާޖެއަށް ތަރައްގީ ގެންނަން. ޒުވާނުުންގެ އަތް ފައި މިނިވަން ވާނެ ގޮތެއް ހަދަން. އެމްޑީޕީން މި މަސައްކަތް ކުރަނީ މައުލޫއު އޮޅޭގޮތަށް މައުލޫއުގެ މަފްހޫމް އޮޅޭގޮތަށް ވާހަކަދައްކަން. ލޯގޯގައި ތިލަފަތެއް ކުރެހިއަކަސް އެއީ އަދި އިންސާފެއް ނޫން. އިދިކޮޅުން އުޅެނީ ރައްޔިތުން 40 އަހަރު ފަހަތަށް ޖައްސަން،“ – މެންބަރު އިބްރާހިމް ވިދާޅުވިއެވެ.
މި ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް އެންމެ ފުރިހަމައަށް ހިދުމަތްދޭން ކަމަށާއި އެގޮތުން ޑިޖިޓަލް ބިލް ފާސްވުމާއެކު ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން މަސައްކަތް ކުރުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ސަލާމަތްވެ، އެތަކެއް ގޮތަކުން ލުއި ފަސޭހަތައް ލިބިގެންދާނެ ކަމަށް މެންބަރު އިބްރާހިމް ވަނީ އިތުރަށް ވިދާޅުވެފައެވެ.













