ހުސްވި ހަފުތާގައި ކުއްލި ނުރައްކަލުގެ 11 ހާދިސާއެއް ރިޕޯޓުކޮށްފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފްއިން މީސް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްްގައި ބުނެފައިވަނީ، މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކަލުގެ ހާދިސާތަކުގެ ތެރެއިން 11 ހާދިސާއަކަށް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ވޭތުވެދިޔަ ހަފުތާގައި (ޖޫން 14އިން ޖޫން 20އަށް) ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ، 11 ހާދިސާއަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރްއެސް)އިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވޭ. pic.twitter.com/vIXR7dGHVg
— Maldives National Defence Force (@MNDF_Official) June 21, 2026
މިދިޔަ ހަފުތާގައި މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ހިނގާފައިވާ ހާދިސާތަކާއި ގުޅިގެން އެމްއެންޑީއެފްއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އަލިފާނުގެ ނުވަ ހާދިސާ، މެޑިކަލް އިވެކުއޭޝަންގެ އެއް ހާދިސާގެ އިތުރުން އެހެނިހެން އެއް ހާދިސާ ހިމަނައިގެން ދިމާވި ހާދިސާތަކުގައި އެމްއެންޑީއެފްއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސަރަހައްދީ ކޮމާންޑްތަކަށް ބަލާއިރު އެންމެ ގިނަ ހާދިސާ ރިޕޯޓްކޮށްފައިވަނީ މާލެ އޭރިއާ ކޮމާންޑަށެވެ. މާލެ އޭރިއާ ކޮމާންޑަށް ޖުމުލަ އަށް ހާދިސާ އަދި ސަދަން އޭރިއާ ކޮމާންޑަށް ތިން ހާދިސާއެއް ރިޕޯޓުކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން އަންނަނީ ދިމާވާ ކުއްލި ނުރައްކަލުގެ ހާދިސާތަކުންނާއި އެހެނިހެން ކާރިސާތަކުން އާންމުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދިނުމަށް 24 ގަޑިއިރު މެދުނުކެޑި މަސައްކަތް ކުރަމުންނެވެ. އެމްއެންޑީއެފްއިން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެ ހިދުމަތުގެ ހޮޓްލައިން 118 އަށް ގުޅައި ހިދުމަތް ހޯދުމަށް އިލްތިމާސްކޮށްފައެވެ.













