ހިލޭ އެހީގެ ގޮތުގައި ދައުލަތަށް މި އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް އާމްދަނީ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ހިލޭ އެހީގެ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 373.6 މިލިއަން ރުފިޔާއެވެ.
ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވާ މިންވަރާއި، ދަޢުލަތަށް ލިބިފައިވާ އާމްދަނީ ހިމަނައިގެން ފިނޭންސް މިނިސްޓްރީން ވަނީ މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި، މި މަހުގެ ހަތަރު ވަނަ ދުވަހާއި ހަމައަށް ހިލޭ އެހީގެ ގޮތުގައި 393.6 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އަންދާޒާކޮށްފައިވާ އަދަދަށްވުރެ 5.3 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 128.7 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީއާއި ޓެކްސް ނޫން އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި މި އަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 40.3 ބިލިއަން ރުފިޔާއެވެ. މި މަހުގެ މިހާތަނަށް 19 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު 17.3 ބިލިއަން ރުފިޔާގެ އާމްދަނީއާއި އަޅާބަލާއިރު %10 އިތުރުވުމެއްކަން ފާހަގަކޮށްލަންޖެހެއެވެ.
ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުގައި، ދައުލަތަށް ލިބިފައިވާ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބޭ ފައިސާއެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި 13.2 ބިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ލިބިފައިވާއިރު، މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އެ އަދަދު ވަނީ 14.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 12.4 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ކުރިއެރުން ލިބުމުގެ މައިގަނޑު ސަބަބެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، ޓީޖއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ފަސް ބިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރު މިހާތަނަށް އެ އަދަދު ވަނީ ހަ ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 7.6 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެ އިތުރުން، އާންމު މުދަލާއި ހިދުމަތުގެ ޓެކްސް ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 2.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.












