ފެނަކަ ކޯޕަރޭޝަނެކޭ އެއްފަދައިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވަޒީފާއިން އަމިއްލައަށް ވަކިވުމުގެ ފުރުސަތު އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލައިފިއެވެ.
އެޗްޑީސީގެ ހިއުމަން ރިސޯސް މެނޭޖްމަންޓުން އިއްޔެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި މެމޯގައި ބުނެފައިވަނީ ރިޓަޔަރމަންޓް ޕޮލިސީ އާއި ވަޒީފާއިން ރިޑަންޑަންޓްވާ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލަށް ބޯޑުން އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ މެމޯގައިވާ ގޮތުން، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެވޭނެ ދެ ގޮތަކީ ވޮލެންޓަރީ ރިޑަންޑަންސީ އާއި ވޮލެންޓަރީ ރިޓަޔަރމަންޓެވެ.
ވޮލެންޓަރީ ރިޑަންޑަންސީގެ ދަށުން އަމިއްލައަށް އެދިގެން ވަކިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކަނޑައެޅޭ މުވައްޒަފުންނަށް އުސޫލުގައިވާ ގޮތަށް ވަޒީފާއިން ވަކިވުމުގެ މާލީ އިނާޔާތެއްގެ ގޮތުގައި ފުރިހަމަ ސެވަރެންސް ޕެކޭޖެއް ލިބޭނެއެވެ. މީގެ އިތުރުން އަމިއްލައަށް އެދިގެން ރިޓަޔަރވުމަށް އެދޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ޝަރުތު ހަމަވާ މުވައްޒަފުން، ކުންފުންޏަށް ހިދުމަތްކުރި މުއްދަތާއި އަދާކުރި މަގާމަށް ރިއާޔަތްކޮށް، އެއްފަހަރާ ލިބޭ މާލީ އިނާޔަތާއެކު ރިޓަޔަރކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
މިކަމާ ގުޅޭ މައުލޫމާތު ހިއުމަން ރިސޯސް ޑިޕާޓްމަންޓުން ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިފަދަ ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް އަދި ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން މުޅިން އަލަށް ގެންނަމުންދާ ބަދަލުތަކެކެވެ. މި ބަދަލުތަކުގެ ހެޔޮ ނަތީޖާ ވެސް މިހާރު އަންނަނީ މަޑުމަޑުން ފެންނަމުންނެވެ.












