ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އަކީ ދުންފަތާ ދެކޮޅު ކެމްޕެއިންތަކުގައި ކުރީ ސަފުގައި އުޅުއްވި ބޭފުޅަކަށް ވީނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވޭޕް މަނާކުރުމުން އެކަމަށް ހަނުހުންނަވައި، އެކަމަނާގެ އާއިލީ ކުންފުންޏަކުން ގަވާއިދާ ހިލާފަށް އެތެރެކުރި ގިނަ އަދަދެއްގެ ވޭޕް ކަސްޓަމްސްއިން އަތުލައިގަތުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
ރާއްޖޭގެ ތާރީހުގައި ފާއިތުވި ދުވަސްތަކުގައި ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެންމެ ބޮޑަށް ބަހުސްކުރެވިފައިވާ އެއް މައްސަލައަކީ ދުންފަތުގެ އިސްތިއުމާލުކުރުމާއި ވޭޕް ބޭނުންކުރުމުގެ މައްސަލައެވެ. މިކަމުގައި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު އަކީ މީގެ ކުރިން ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ދުންފަތާ ދެކޮޅަށް ވަކާލާތުކުރައްވައި، މުޖުތަމައު ހޭލުންތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އެކަމަނާގެ ވެރިކަމުގެ ދައުރުގައި އާންމު ތަންތަނަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ސަލާމަތްވެފައިވާ ތަންތަނަށް ހެދުމަށް ގޮވާލައްވައި، ކުޑަކުދިންނަށް ރަނގަޅު ނަމޫނާ ދެއްކުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވާފައިވެއެވެ. ނަމަވެސް، މިއަދު ފެންނަމުންދާ މަންޒަރަކީ އެކަމަނާގެ އެ އިހުލާސްތެރިކަމާމެދު ސުވާލު އުފެދޭފަދަ ކަންތައްތަކެކެވެ.
ދުންފަތް ކޮންޓްރޯލްކުރުމަށް ފަޒްނާ ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވެނީ ރަށްރަށުގެ ގޮނޑުދޮށްތަކާއި އާންމު ތަންތަނަކީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނުގެ ގޮތުގައި ކަނޑައެޅުމުގެ މުހިންމުކަމުގެ މައްޗަށް ދެއްކެވި ވާހަކަފުޅުތަކެވެ. ސޮނޭވާ ނަމޫނާ ޖަމިއްޔާއިން ބޭއްވި ހާއްސަ ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ، ގޮނޑުދޮށްތަކުގައި އާއިލާތަކާއި ކުޑަކުދިން އުޅޭއިރު، ދުންފަތުގެ އިސްތިއުމާލުކުރުމަށްފަހު އުކާލާފައި ހުންނަ ފިލްޓަރުފަދަ ތަކެތި ތުއްތު ކުދިންނަށް ފެނުމުގެ ފުރުސަތު ކުޑަކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. މިއީ މުޖުތަމައުގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އެކަމަނާ އޭރު ސިފަކުރެއްވިއެވެ. ކުޑަކުދިންނަކީ ބޮޑެތި މީހުން ކުރާ ކަންކަން ނަކަލުކުރާ ބަޔަކަށްވާއިރު، އެފަދަ ނޭދެވޭ މަންޒަރުތައް ފެނުމަކީ ކުދިންގެ މުސްތަގުބަލަށް އެޅޭ ވަރަށް ނުރައްކާތެރި ހުރަހެއްކަން އެކަމަނާ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ރާއްޖޭގައި ކުރިއަށްގެންދިޔަ އަހަރެން ދެކޮޅު ކެމްޕެއިންގައިވެސް ފަޒްނާ ވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. މި ކެމްޕެއިންގެ ޕެޓިޝަންގައި ސޮއިކުރައްވައި، ދުންފަތުގެ އިސްތިއުމާލުކުރުމާއި ވޭޕް ބޭނުންކުރުން ހުއްޓުވުމަށް އެކަމަނާ ދެއްވާ ހާއްސަ އަހަންމިއްޔަތުކަން އޭރު މުޅި ގައުމަށް ދައްކަވައިދެއްވިއެވެ. ދުންފަތާއި ވޭޕްގެ ނުރައްކާތަކުން އަންނަން އޮތް ޖީލުތައް ސަލާމަތްކުރުމަށްޓަކައި، ބޮޑެތި މީހުން ރަނގަޅު ނަމޫނާ ދެއްކުމަށާއި، ހާއްސަކޮށް ބެލެނިވެރިންނާއި މުދައްރިސުން ސިއްހަތަށް ގެއްލުންހުރި ކަންކަމުން ދުރުހެލިވެ ތިބުމަކީ މުހިންމު ކަމެއްކަމަށް އެކަމަނާ ގަބޫލުކުރެއްވިއެވެ. ވެރިކަމުގެ ދައުރުގައި ފަޒްނާގެ ފަރާތްޕުޅުން ފެނުނީ ދުންފަތާ ދެކޮޅު، ވޭޕާއި ދެކޮޅު ހުދުފޮތިކޮޅެއް ފަދަ ސާފު ކަނބަލެއްގެ ގޮތުގައެވެ. ނަމަވެސް، ވަގުތާއި ހާލަތު ބަދަލުވުމާއެކު، އެކަމަނާގެ އަމަލުފުޅުތަކާއި ބަސްފުޅުތަކުން މުޅިން ތަފާތު މަންޒަރެއް ފެންނަން ފަށައިފިއެވެ.
ވެރިކަމުގެ ދައުރު ނިމި، ރާއްޖޭގެ ތާރީހުގައި ދުންފަތާ ދެކޮޅަށް އެންމެ ހަރުދަނާ ފިޔަވަޅުތައް އެޅުއްވުމުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެއްޓެވުމާއެކު، ފަޒްނާގެ ފަރާތްޕުޅުން ފެނިގެންދިޔައީ ހައިރާންކުރުވަނިވި ހިމޭންކަމެކެވެ. ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ވޭޕް މަނާކޮށް، ޖެނެރޭޝަނަލް ބޭން އަކާއެކު ދުނިޔޭގެ ރެކޯޑެއް ގާއިމުކުރައްވާފައެވެ. މިއީ މުޅި އަންނަން އޮތް ޖީލު ދުންފަތުގެ ވަބާއިން ސަލާމަތްކުރުމަށް އެޅުނު ވަރަށް ވަރުގަދަ އަދި ތާރީހީ ފިޔަވަޅެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް އެހާ ބޮޑަށް އަޑުއުފުއްލެވި، އަދި ކުޑަކުދިންގެ ހައްގުގައި ވަކާލާތުކުރެއްވި ކުރީގެ ފަސްޓް ލޭޑީ، މި މުހިންމު ގައުމީ ނިންމުމަށް ތަރުހީބު ދެއްވާކަށް ނުކެރުނެވެ. ގައުމުގެ މުސްތަގުބަލަށްޓަކައި އެޅުނު މި ބޮޑު ފިޔަވަޅަށް މަރުހަބާ ކިޔުމުގެ ބަދަލުގައި، އެއްކަލަ ދުންފަތާ ދެކޮޅު ފަޒްނާ ހުންނެވީ މުޅިން ހަނަށެވެ. މި ހިމޭންކަމުގެ ފަހަތުގައި ފޮރުވިފައިވާ ހަގީގަތްތައް ހާމަވީ ވަރަށް ފަހުންނެވެ.
ދުންފަތާ ދެކޮޅުކަމަށް ވަކާލާތުކުރެއްވި ފަޒްނާއަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެގެންދިޔައީ، ރާއްޖެއިން މަނާކޮށްފައިވާ ވޭޕްގެ ބޮޑު ޝިޕްމަންޓެއް ފަޒްނާ އަދި އެކަމަނާގެ އާއިލީ ހިއްސާ އޮންނަ ކުންފުންޏަކުން ރާއްޖެއަށް އެތެރެކުރަން އުޅުމުގެ ތެރޭގައި ފަޅާއެރުމުންނެވެ. ކަނޑުމަގުން ރާއްޖެ އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ގެނައި 5,600 އަށްވުރެ ގިނަ ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވަނީ އަތުލައިގަނެފައެވެ. މިއީ ގާނޫނާ ހިލާފަށް، ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވަރަށް ބޮޑު ޝިޕްމަންޓެކެވެ. ކަސްޓަމްސްގެ ހުށިޔާރުކަމާއެކު މި ޝިޕްމަންޓް އަތުލައިގަނެވުމަކީ، ސަރުކާރުން ވޭޕް މަނާކުރުމަށްފަހު އެކަން ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތުގެ ކާމިޔާބީއެއްކަމުގައި ވީނަމަވެސް، މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ ގޮތުން މިއީ ގައުމުގެ ސަމާލުކަން އިންތިހާއަށް ހުއްޓުނު ކަމަކަށް ވިއެވެ.
މި މުދާ ޝިޕްމަންޓަކީ ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދާއި، އެކަމަނާގެ ބައްޕަ ސިއްކަ އަހުމަދު އިސްމާއީލް މަނިކު އަދި އާއިލީ އެހެން މެންބަރުންގެ މަސްލަހަތު އޮންނަ ކުންފުންޏެއް ކަމަށްވާ ޕޭން އޯޝަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އިން އެތެރެކުރި މުދާ ކަމަށް ކަސްޓަމްސް އިން ވަނީ މައުލޫމާތު ދެއްވާފައެވެ. މި ކުންފުންޏަކީ ސީދާ ފަޒްނާގެ އާއިލީ ނުފޫޒާއި ހިއްސާ އޮންނަ ކުންފުންޏަކަށްވާއިރު، މިވަރުގެ ބޮޑު ޖަރީމާއެއް ހިންގުމުގައި އެ ކުންފުނީގެ ދައުރު އޮތުމަކީ އާންމުންގެ ގިނަބަޔަކު ސިއްސުވާލި ކަމެކެވެ. އެހެން ނަމަވެސް، މި މައްސަލައާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ. ފުލުހުންގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން މިކަމުގެ އިތުރު ތަފްސީލުތައް ހާމަވެގެންދާނެކަމަށް ބެލެވެއެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައާއި އާންމު ރައްޔިތުންގެ މެދުގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ކުރީގެ ރައީސްގެ ދެކަނބަލުންނަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ. ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި، އަމިއްލަ މާލީ މަންފާއަށްޓަކައި ގާނޫނާ ހިލާފު ކަންކަން ކުރުމަކީ އެ އާއިލާގެ އާދައެކެވެ. މީގެ ކުރިން ދުންފަތާ ދެކޮޅަށް އަޑުއުފުލައި، ރައްޔިތުންނަށް ނަސޭހަތްދީ، ކުޑަކުދިންގެ ހައްގުގައި ކަމަށް ބުނެ ދެއްކެވި ވާހަކަފުޅުތަކަކީ ހަމައެކަނި ސިޔާސީ މަންފާއަކަށް، ނުވަތަ އާންމުންގެ ލޯބި ހޯދުމަށް ކުޅުނު ޑްރާމާއެއްކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. ދައުލަތުގެ އެންމެ މަތީ މަގާމުތަކުގައި ތިއްބެވިއިރުވެސް، އާއިލީ ވިޔަފާރިތަކުން މިފަދަ ނޭދެވޭ އަމަލުތައް ހިންގާފައިވާކަން މި ހާދިސާއިން ހާމަވާކަމަށް އާންމުން ދަނީ ބުނަމުންނެވެ. ފައިސާގެ ދަހިވެތިކަމުގައި ގައުމުގެ ގާނޫނުތަކަށް ގޮންޖަހައި، ޅަދަރިންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށް ފަސްނުޖެހުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް މުޖުތަމައުގެ ގިނަ ފަރުދުން ގަބޫލުކުރެއެވެ.
މި މައްސަލައިން ފާހަގަވެގެންދާ އަނެއް ކަމަކީ، ވެރިކަމުގެ ބާރުގައި ތިބޭއިރު ދައްކާ ވާހަކަތަކާއި، ބާރު ނެތިދިއުމުން އަމަލުކުރާ ގޮތާ ހުރި ތަފާތެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި ވޭޕް ބޭނުންކުރުން ހުއްޓުވުމަށް އެކަމަނާ ނަމަކަށް ދެއްވި ހާއްސަ އަހަންމިއްޔަތުކަން މިއަދު މިވަނީ ހާމަވެފައެވެ. ރައްޔިތުންގެ ކުރިމަތީގައި ހުދުފޮތިކޮޅެއް ފަދަ ސާފު ބޭފުޅެއްގެ ގޮތުގައި ފެނިވަޑައިގަތުމަށް މަސައްކަތްކުރެއްވި ނަމަވެސް، އަޑީގައި ހިންގަމުންދިޔަ މުއާމަލާތްތަކާއި އަމަލުތައް މިވަނީ ތިލަވެފައެވެ. ސަރުކާރުން ވޭޕް މަނާކުރުމުގެ ތާރީހީ ނިންމުން ނިންމުމުން އެކަމަށް ތަރުހީބު ނުދެއްވައި ހަނުހުންނެވި ސަބަބު މިއަދު ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިއްޖެއެވެ. އެއީ އަމިއްލަ އާއިލީ ވިޔަފާރީގެ މަސްލަހަތު އެކަމުގައި އޮތުމުންނާއި، ގާނޫނާ ހިލާފަށް އެތެރެކުރަން ރާވާފައިވާ ބޮޑު ޝިޕްމަންޓުގެ ސަބަބުން ކަމަށްވުން އެކަށީގެންވެއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މި ޝިޕްމަންޓް އަތުލައިގަތުމަކީ ގައުމުގެ ސަލާމަތީ ބާރުތަކުންނާއި މުއައްސަސާތަކުން ގާނޫނު ތަންފީޒުކުރުމުގައި ދައްކަމުންދާ ހީވާގިކަމާއި ތެދުވެރިކަމުގެ ހެއްކެކެވެ. ކޮންމެ ފެންވަރެއްގެ، ކޮންމެ ނުފޫޒެއް އޮތް ބަޔަކު ކަމުގައިވިޔަސް ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެކަން މިއަދުގެ ސަރުކާރުން ދަނީ ސާބިތުކޮށްދެމުންނެވެ. ކުރީގެ ފަސްޓް ލޭޑީއަކަށް ވިޔަސް، އަދި އެހެން ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވިޔަސް، ގައުމުގެ ގާނޫނުތަކާ ހިލާފުވާނަމަ އެކަމާ ކުރިމަތިލާންޖެހޭނެކަން މިވަނީ ހާމަވެފައެވެ. މި ހާދިސާއަކީ މުޅި ގައުމަށް، ހާއްސަކޮށް ސިޔާސީ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފިލާވަޅެކެވެ. އަމިއްލަ މަންފާއަށްވުރެ ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރުމުގެ މުހިންމުކަން މިކަމުން ވަރަށް ރަނގަޅަށް ދައްކައިދެއެވެ. އަދި ދެއްކުންތެރިކަމާއި ހަގީގަތާ ދެމެދު ހުރި ބޮޑު ތަފާތު ދިވެހި ރައްޔިތުންނަށް މިއަދު މިވަނީ ވަރަށް ރަނގަޅަށް ފެނި، ވަޒަންކުރެވިފައެވެ.




