އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ދަންޖައްސަން ގޮވާލައި، ނުރައްކާތެރި އިންޒާރުތަކެއް ދީފިއެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން މިރޭ ބޭއްވި މި މުޒާހަރާއަކީ ސަރުކާރުގެ ކުންފުނިތަކުން އެމްޑީޕީއަށް ތާއީދުކުރާ މުވައްޒަފުން ވަކިކުރަމުން ދާތީ ކަމަށް ބުނެ އެ ޕާޓީން ބޭއްވި މުޒާހަރާއެކެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނުކުމެ ސަރުކާރަށް ފާޑުކިޔަމުން ދިޔައިރު، ބައެއް ބައިވެރިން ވަނީ ފިނޭންސް މިނިސްޓަރު ދަންޖައްސަންޖެހޭ ކަމަށް ގޮވައި، އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާ ފަދަ ބަސްމަގު ބޭނުންކޮށްފައެވެ.
މި މުޒާހަރާގައި ނަޝީދުގެ އިތުރުން އެމްޑީޕީ ލީޑަރޝިޕްގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ހަވާލުވެވަޑައިގަތުމަށްފަހު ނަޝީދު ވަނީ، އެމްޑީޕީއަށް ތާއީދުކުރާތީ ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ވިދާޅުވެ، މުޅި ރާއްޖޭގައި މުޒާހަރާކުރާނެކަން އިއުލާން ކުރައްވައިފައެވެ. އަދި މި މުޒާހަރާތަކުގައި ސަރުކާރުގެ އިދާރާތައް ހިސޯރުކުރާނެކަމުގެ އިންޒާރު ނަޝީދު ދެއްވާފައިވެއެވެ.
ސަރުކާރު ހިންގުމަށް ދަތިކުރުމުގެ ގޮތުން ސަރުކާރާ މެދު އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭނެ ގޮތަށް ހަގީގަތެއް ނެތް ވާހަކަތައް ފަތުރައި، ގައުމުގެ ތަރައްގީއަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސްއެޅުމުގެެ އިތުރުން ސަރުކާރުގެ އޮފީސްތައް ހިސޯރުކުރާނެކަމުގެ އިންޒާރު ނަޝީދު ދެއްވާފައިވާއިރު، އެމްޑީޕީގެ މިފަދަ ނާތަހުޒީބީ އަމަލުތަކުގައި ޒުވާނުން ބައިވެރިވުމަށް ވެސް ނަޝީދު އަންނަނީ ފާޅުގައި ގޮވާލަމުންނެވެ.
މުޒާހަރާތަކުގައި ފުލުހުންނާ ކުރިމަތިލުމަށް މުޖުރިމުން ނެރުމަށް ވެސް އެމްޑީޕީން ނިންމާފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މިހާރު ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ ފަރާތުން ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.














މާތްﷲގެ ވާގިފުޅާއި މިންވަރުފުޅުން 2028 ޑރ މުޢިއްޒު ކާމިޔާބު ކުރައްވާނީ ބޮޑު ތަފާތަކުން އިންޝާﷲ