ވ. އަތޮޅުގައި ކުރިއަށްގެންދިޔަ ޚާއްޞަ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒަންކުރައްވައިފިއެވެ. މި ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު އޮތީ ބަންޑާރަކޮށީގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް ހަސަން ރަޝީދެވެ. މީގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ފުލުހުންނާއި ސިފައިންގެ އިސް އޮފިސަރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި، ވ. އަތޮޅުގައި ކުރިއަށްދިޔަ ނުރައްކާތެރި އަދި ގޮންޖެހުންތައް ބޮޑު ޑައިވިންގ އޮޕަރޭޝަންގައި ފުލުހުންނާއި ސިފައިން ދެއްކެވި ސާބިތުކަމާއި، ކުރެއްވި ބުރަ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، އެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގުނު މުހިންމު މަސައްކަތަކަށްވާއިރު، މިފަދަ ކަންކަމުގައި ސަލާމަތީ ބާރުތަކުން ދައްކަމުންދާ ޕްރޮފެޝަނަލްކަމާއި ހިތްވަރުގަދަކަން ސަރުކާރުން ވަނީ ނުހަނު އުފަލާއެކު ބަލައިގެންފައެވެ.














