ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި މިއަދަކީ ޕޯޓް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ދުވަހެއް ނަމަވެސް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް (ޕެރިޝަބަލް މުދާ) ބަނދަރުން ހުސްކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދުވެސް މެދުކެނޑުމެއްނެތި ކުރިއަށް ގެންގޮސްފިއެވެ.
އެމްޕީއެލްގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޕޯޓް ބަންދު ދުވަސްތަކުގައި އަމަލުކުރަމުންދާ ޚާއްސަ އުސޫލުގެ ދަށުން މާލެ ވިޔަފާރި ބަނދަރުގައި މިއަދުވެސް ވަނީ މުދާ ބޭލުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، ޖެނެރަލް ކާގޯ އުފުލާ ބޯޓެއް ކަމަށްވާ ”ސީ އެންޖަލް“ އިން މުދާ ބޭލުމުގެ މަސައްކަތް މިއަދު ހަވީރު ވަނީ އެއްކޮށް ފުރިހަމަކޮށްފައެވެ. މި ބޯޓުން ގިނަ އަދަދެއްގެ ބިހާއި، ފިޔާ އަދި އަލުވި ބާލާފައިވާ ކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، ”ނަވާލް“ ނަމަކަށް ކިޔާ ޖެނެރަލް ކާގޯ ވެސަލްއިން މުދާ ހުސްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި އުޅަނދުންވެސް މައިގަނޑު ގޮތެއްގައި ބާލަމުންދަނީ ރައްޔިތުންނަށް އާންމުކޮށް ބޭނުންވާ ފިޔާ، އަލުވި އަދި ބިސް ފަދަ ޕެރިޝަބަލް މުދަލެވެ.
ހިޖުރީ އައު އަހަރަކީ ޕޯޓް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް (ޕެރިޝަބަލް މުދާ) ވީހާވެސް އަވަހަށް ކްލިއަރކުރުމުގެ މި ކުންފުނިން އަމަލުކުރަމުންދާ ޚާއްސަ ޢުސޫލުގެ ދަށުން މާލެ ވިޔަފާރި ބަނދަރުގައި މިއަދުވެސް… pic.twitter.com/acc7UZCV16
— Maldives Ports Limited (@Portmv) June 16, 2026
ޕޯޓު ބަންދު ދުވަހެއް ނަމަވެސް، މުދާ އެތެރެކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މިއަދު މެންދުރު 1:30 އާ ހަމައަށް ޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ ޚިދުމަތް އެމްޕީއެލްއިން ވަނީ ފޯރުކޮށްދީފައެވެ. އަދި ހަމަޖެހިފައިވާ ޚާއްސަ އިންތިޒާމްތަކުގެ ދަށުން މިރޭ 20:00 އިން ފެށިގެން އަނެއްކާވެސް މުދާ ކްލިއަރކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި މަސައްކަތަކީ ބާޒާރުގައި ކާބޯތަކެތީގެ އަގު ހިފެހެއްޓުމަށާއި، މުދާ ލިބުމުގައި ދަތިތަކެއް ކުރިމަތިނުވުމަށްޓަކައި އެމްޕީއެލްއިން ދެމުންގެންދާ ވަރަށް މުހިންމު ޚިދުމަތެކެވެ.









