މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 994،901 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 994،901 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 4.9 އިންސައްތަ ދަށް އަދަދެއް ކަމުގައި ވިޔަސް، 2024 ވަނަ އަހަރާ އަޅާބަލާއިރު 4.5 އިންސައްތައިގެ ކުރިއެރުމެކެވެ. ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 980،054 ފަތުރުވެރިން އައީ ވައިގެ މަގުންނެވެ. އަދި 14،847 ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ކަނޑުމަގުންނެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތަކުގެ ތެރޭގައި ޗައިނާ 153،790 ފަތުރުވެރިންނާއެކު އެއްވަނައިގައި ހިމެނެއެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ، އެއީ 136،495 ފަތުރުވެރިންނެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން 82،850 ފަތުރުވެރިން، އިޓަލީވިލާތުން 70،888 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 64،075 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 694،411 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓްހައުސްތަކުގައި 231،189 ފަތުރުވެރިން އަދި ހޮޓެލްތަކުގައި 24،321 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މިވަގުތު ރާއްޖޭގައި 1286 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ޖުމްލަ ބެޑް ކެޕޭސިޓީ 67،468 އަށް އަރައެވެ.












