އެމްޑީޕީން ވެރިކަން ކުރި ދެ ދައުރުގައި ވެސް އަރަބިއްޔާ ސްކޫލާއި އެ ސްކޫލުގެ ދަރިވަރުން މަގުމަތިކޮށް، ”ރެފިއުޖީން“ ގެ ގޮތުގައި ހަދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން އެ ރަށުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އަބަދުވެސް ލިބިފައި އޮންނަނީ ދެ ރާސްތާއެކެވެ. އެއީ ގެއްލުމާއި ހަލާކުގެ ރާސްތާގެ އިތުރުން ކާމިޔާބީގެ ރާސްތާއެވެ. ކުރީގެ އެމްޑީޕީ ސަރުކާރުތަކުން ގެންގުޅުނީ ”ފަނާކުރަނިވި“ ފިކުރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަރަބި އިސްލާމީ ތައުލީމު ނައްތާލުމަކީ އެ ފިކުރުގެ ސިޔާސަތެއް ކަމަށެވެ.
”އަރަބި އިސްލާމީ ތައުލީމު ނައްތާލުން އެއީ މި ދެންނެވި ފަނާކުރަނިވި ފިކުރުން ކަންތައް ކުރި ގޮތް. އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން އަރަބިއްޔާ ތަޅާލައި، މަގުމަތި ކުރީނޫންތޯ؟ ރެފިއުޖީން ގޮތުގައި ހެދީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން،“ ރައީސް ވިދާޅުވި އެވެ.
ނަމަވެސް، މިހާރުގެ ސަރުކާރުން ގެންގުޅެނީ ”ބިނާކުރަނިވި“ ފިކުރެއް ކަމަށާއި، އަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސައިދީ، އާ އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ ދިރާސީ އަހަރު އެތަނުގައި ކިޔަވައިދޭން ފެށޭނެ ކަމަށްވެސް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. ޕީއެންސީގެ ފިކުރަކީ އިސްލާމްދީނާއި ގައުމު ކުރިއަށް ނެރޭ، ހަމަޖެހުމާއި ތަރައްގީ ގެނެސްދޭނެ ވަރުގަދަ ފިކުރެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
އަރަބިއްޔާ ސްކޫލުގެ ކުރީގެ އިމާރާތަކީ 2013 ވަނަ އަހަރު ބޭނުންކުރަން ފެށި ތަނެކެވެ. ނަމަވެސް އިމާރާތުގެ ތަނބުތަކުގައި ރެނދުލައި، ކިޔަވައިދޭން ނުރައްކާތެރި ތަނަކަށް ވުމުން ޖެނުއަރީ 2023 ގައި އެ ސްކޫލުގެ ކިޔެވުން ވަނީ އެހެން ތަނަކަށް ބަދަލުކޮށްފައެވެ.
އޭގެ ފަހުން އެ އިމާރާތް ގުދަނެއްގެ ގޮތުގައާއި ސްކައުޓް އަދި ކެޑޭޓް އޮފީސް ހިންގަން ބޭނުންކުރި ނަމަވެސް، މިހާރު ވަނީ އެތަން އެއްކޮށް ހުސްކޮށް ތަޅާލަން ފަށާފައެވެ.
ކުރީގެ ސަރުކާރުން އެ ބިމުގައި އަޅަން ނިންމާފައިވަނީ 6 ފަންގިފިލާގެ އިމާރާތެއް ނަމަވެސް، މި ސަރުކާރުން ވަނީ އެ ސިޔާސަތު ބަދަލުކޮށް 10 ފަންގިފިލާގެ ޒަމާނީ އިމާރާތެއް އެޅުމަށް ނިންމާފައެވެ. އާރްސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އިމާރާތް ކުރާނީ ސްކޫލަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކަކާ އެކުގައެވެ.
މި މަޝްރޫއާއެކު އަރަބިއްޔާގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.












