ގދ. ތިނަދޫ ސިޓީގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި، އަންހެނުންގެ ރަހިމަށް ޖެހޭ ބަލިތަކަށް ފަރުވާ ދިނުމަށް ހަދާ ޚާއްސަ ސާޖަރީއެއް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.
މި ތާރީޚީ ސާޖަރީއަކީ މިނިސްޓްރީ އޮފް ހެލްތާއި ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގުޅިގެން މިހާރު ކުރިއަށްގެންދާ ސާޖިކަލް ކޭމްޕެއްގެ ތެރެއިން ކުރެވުނު މަސައްކަތެކެވެ. މި ކޭމްޕުގައި އެކި ބަލިތަކަށް ޚާއްސަ 10 ޑޮކްޓަރުންގެ ޓީމަކުން އަންނަނީ ބައިވެރިވަމުންނެވެ.
ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަންގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައިވަނީ ބަލިމީހާގެ ވާތްފަރާތު އޯވަރީގައި އުފެދިފައިވާ ސިސްޓެއް ނެގުމާއި، ފެލޯޕިއަން ޓިއުބުގައި އުފެދިފައިވާ ފައިބްރޯމާއެއް ނެގުމުގެ މަސައްކަތެވެ. މިއީ ލެޕަރޮސްކޯޕިކް ގައިނަކޮލޮޖިކް ސާޖަރީއެކެވެ.
ލެޕަރޮސްކޯޕިކް ސާޖަރީއަކީ ބަނޑު ފަޅައިގެން ކުރާ އާންމު އޮޕަރޭޝަންތަކާ ޚިލާފަށް، ބަނޑުގެ ފާރުގައި ހަދާ ކުދި ލޯވަޅުތަކެއްގެ ތެރެއިން ކެމެރާއާއި ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ކުރާ އޮޕަރޭޝަނެކެވެ. މިފަދަ އޮޕަރޭޝަންތަކުގެ ސަބަބުން ބަލިމީހާގެ ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަވެ، ތަދުވުން މަދުވުމުގެ އިތުރުން ވަރަށް އަވަހަށް ބަލިމީހާ ރަނގަޅުވެއެވެ.
މި ކާމިޔާބު ސާޖަރީ ކުރިއަށް ގެންގޮސްފައިވަނީ ޑރ. އުބައިދު އަބްދުﷲ އިސްވެ ހުންނަވައިގެންނެވެ. މި މަސައްކަތުގައި ބައިވެރިވި ޑޮކްޓަރުންގެ ޓީމުގައި ޑރ. އާމިނަތު ނުޞްރާ، ޑރ. ޖުމައިލަތު ބޭގަމް، ޑރ. އައްސަދު މުޙައްމަދު، ޑރ. މުޙައްމަދު އަމީން ޙާމިދު، ޑރ. މުޙައްމަދު ޙަމްޒާ އަދި ޑރ. މަޙްމޫދު ސައްޔިދު އަޙްމަދު މުޙައްމަދު ސައުދު ހިމެނިވަޑައިގަންނަވައެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ މި އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ޑޮކްޓަރުންނާއި، ތިއޭޓަރުގެ މުޅި ޓީމުން ދެއްކެވި ފަރުވާތެރިކަމާއި ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. މިއީ ތިނަދޫ ސިޓީއާއި އެ ސަރަހައްދުގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހޯދުނު މުހިއްމު ކުރިއެރުމެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ސިފަކުރެއެވެ.











