ދ. މީދޫ ކައުންސިލް ރައީސްގެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް ބާއްވާ އިތުރުބުރުގެ ވޯޓުލުން ފަށައިފިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފައިވާގޮތުގައި މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 08:00 އިން ފެށިގެން ހަވީރު 16:00 އާއި ހަމައަށް ކަމަށެވެ. މި އިންތިހާބުގައި ތިން ވޯޓު ފޮއްޓެއް ވަނީ ބަހައްޓައިފައެވެ. އެގޮތުން ދ. އަތޮޅު މަދުރަސާގައި ދެ ވޯޓު ފޮށި ބަހައްޓާފައިވާއިރު، މާލޭގައި ބަހައްޓާފައިވަނީ އެންމެ ފޮއްޓެކެވެ. އެ ފޮށި ބަހައްޓާފައި ވަނީ ދަރުމަވަންތަ ސްކޫލުގައެވެ.
ދ. މީދޫ ކައުންސިލް ރައީސް މަގާމަށް މީހަކު އިންތިހާބު ކުރުމަށް އިތުރުބުރެއް ބާއްވަން ޖެހުނީ ދ. މީދޫ ކައުންސިލްގެ ރައީސްގެ ނަތީޖާ އެއް ވޯޓުގެ ތަފާތެއްގައި އޮއްވާ އިތުރު ވޯޓެއް ސައްހަ ކަމަށް ހައި ކޯޓުން ހުސްވި މެއި މަހުގެ 14 ވަނަ ދުވަހު ކުރި ހުކުމާއި ގުޅިގެންނެވެ. މި މައްސަލަ ހައި ކޯޓަށް ހުށަހެޅީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމެވެ.
މި މައްސަލަ ސުހާގެ ފަރާތުން ހައި ކޯޓަށް ހުށަހެޅީ، އޭނާއަށް ލިބުނު ދެ ވޯޓެއް ގޯސްކޮށް ބާތިލްކުރި ކަމަށް ބުނެއެވެ. ހައި ކޯޓުން ކޮށްފައިވާ ހުކުމުގައިވަނީ ދެ ވޯޓުގެ ތެރެއިން އެއް ވޯޓު ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އެ ވޯޓުގައި ހެޔޮ ފާހަގައިގެ މަތިން ފަވާފައިވީ ނަމަވެސް އިތުރު ފާހަގައެއް ނުވަތަ ނިޝާނެއް ވޯޓު ކަރުދާހުގައި ނެތުމުން އެއީ ސައްހަ ވޯޓެއް ކަމަށާއި ނަމަވެސް ދެވަނަ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުގެ ނަމާ ދިމާލަށް ޖަހާފައިވާ ހެޔޮ ފާހަގައިގެ އިތުރުން އިތުރު ފާހަގައެއް އޮތުމުން އެއީ ބާތިލް ވޯޓެއް ކަމަށް ނިންމި ނިންމުން ރަނގަޅު ކަމަށް ކޯޓުގެ ހުކުމުގައިވެއެވެ.
މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މީދޫ ކައުންސިލްގެ ރައީސް ކަމަށް ވެރިކަން ކުރާ ޕާޓީ ޕީއެންސީންނާއި އެމްޑީއޭގެ އިތުރުން އަމިއްލަ ކެންޑިޑޭޓަކު ވާދަކޮށްފައިވާއިރު، 392 ވޯޓާއިއެކު ހޮވުނީ އެމްޑީއޭގެ ކެންޑިޑޭޓެވެ. ޕީއެންސީގެ ކެންޑިޑޭޓް ސުހާއަށް ލިބިފައިވަނީ 391 ވޯޓެވެ.
އެހެންކަމުން މިއަދުގެ ވޯޓު ނަގަމުން ދަނީ މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓް ސުހާއާއި، އެމްޑީއޭ ކެންޑިޑޭޓާއި މެދުގައެވެ. ދ. މީދޫ ކައުންސިލް ރައީސްގެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް ބާއްވާ އިތުރުބުރުގައި މިއަދުގެ މިހާތަނަށް ވޯޓު ލާފައިވަނީ 209 މީހުންނެވެ. 57 އަންހެނުންނާއި 152 ފިރިހެނުންނެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 1،049 މީހުންނަށެވެ.













