މިއަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް 2026 ގެ ފޯރިގަދަ މެޗުތައް މީޑިއާނެޓުގެ ޑިކޯޑަރު އަދި ޓީވީ އެޕްލިކޭޝަން މެދުވެރިކޮށް މުޅިން ހިލޭ ބަލާލުމަށް ”ފްރީ ޕާސް“ އެކްޓިވޭޓް ކުރެވޭނެ އިންތިޒާމް މީޑިއާނެޓުން ހަމަޖައްސައިފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މީޑިއާނެޓުގެ ލީނިއަރ އެންޑް ސިންޑިކޭޝަން ސްޕޯޓްސް މެނޭޖަރ އަޙްމަދު ސުފިޔާން ވިދާޅުވީ، މީޑިއާނެޓުގެ ކަސްޓަމަރުންނަށް އެއްވެސް އިތުރު ޚަރަދަކާ ނުލައި ޓީވީއެމް އަދި ޔެސް ޓީވީން ވޯލްޑް ކަޕް ބަލާލުމުގެ ފުރުޞަތު މި ފްރީ ޕާސް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.
އަލަށް ޚިދުމަތް ހޯއްދަވާ ކަސްޓަމަރުން ފްރީ ޕާސް އެކްޓިވޭޓް ކުރާނެ ގޮތް:
އަލަށް މީޑިއާނެޓު ޓީވީ އެޕް މެދުވެރިކޮށް ޚިދުމަތް ހޯއްދަވާ ފަރާތްތަކުން އެންމެ ފުރަތަމަ މީޑިއާނެޓު ޓީވީ އެޕްލިކޭޝަން ޑައުންލޯޑް ކުރަން ޖެހެއެވެ. އެއަށްފަހު ތިރީގައިވާ ފިޔަވަޅުތައް ފުރިހަމަކުރަން ޖެހޭނެއެވެ:
- mymedianet.mv ޕޯޓަލްއަށް ވަދެ ”New connection“ ޚިޔާރުކުރައްވާ.
- ރެޖިސްޓްރޭޝަން ފޯމުގައިވާ މަޢުލޫމާތު ފުރިހަމަކުރައްވާ.
- ޑިވައިސްގެ ގޮތުގައި ”TV App“ ޚިޔާރުކުރައްވާ.
- ”FIFA26 Free Pass“ ޕެކޭޖު ޚިޔާރުކުރައްވާ.
- ”Activate Package“ އަށް ފިއްތަވާލައްވާ.
މި ފިޔަވަޅުތައް ފުރިހަމަކުރުމުން، ލޮގިންވުމަށް ބޭނުންވާ މަޢުލޫމާތު އެސް.އެމް.އެސް މެދުވެރިކޮށް ލިބޭނެއެވެ. އޭރުން މީޑިއާނެޓު ޓީވީ އެޕުން ވޯލްޑް ކަޕް ކަވަރޭޖް ހިލޭ ބަލާލެވޭނެއެވެ.
މިހާރުގެ ކަސްޓަމަރުން ފްރީ ޕާސް އެކްޓިވޭޓް ކުރާނެ ގޮތް:
މީޑިއާނެޓުގެ ޚިދުމަތް މިހާރުވެސް ބޭނުންކުރައްވާ ކަސްޓަމަރުންނަށްވެސް ވަރަށް ފަސޭހައިން މި ޕާސް އެކްޓިވޭޓް ކުރެވޭނެއެވެ.
mymedianet.mv އަށް ވަދެ، ރަޖިސްޓަރ ކޮށްފައިވާ މޮބައިލް ނަންބަރު ބޭނުންކޮށްގެން ލޮގިންވާށެވެ.
”Packages“ ނުވަތަ ”Add Package“ އަށް ފިއްތަވާލައްވާށެވެ.
”FIFA26 Free Pass“ ޚިޔާރުކުރައްވައި، ”Activate Package“ އަށް ފިއްތަވާލައްވާށެވެ.
މީޑިއާނެޓާއި ޕީއެސްއެމް ގުޅިގެން މިފަހަރުގެ ވޯލްޑް ކަޕް ދިވެހިންނާ ހަމައަށް ގެނެސްދޭއިރު، މީޑިއާނެޓުގެ ކަނެކްޝަނެއް އޮތް ކޮންމެ ފަރާތަކަށްވެސް އެއްވެސް ޗާޖެއް ނުނަގައި ޕީއެސްއެމްގެ ޗެނަލްތައް ބަލާލެވޭނެއެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް އެންމެ ގިނަ ޤައުމު ވާދަކުރާ ފޯރިގަދަ މުބާރާތަކަށް ވާއިރު، ރާއްޖޭގައި މި މެޗުތައް ފެންނާނީ ހަމައެކަނި ޕީއެސްއެމްގެ ޗެނަލްތަކުންނެވެ. އެހެންކަމުން، މީޑިއާނެޓުން ދޭ މި ފުރުޞަތަކީ ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ.












