ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވުނު އިންތިޚާބުގެ ނަތީޖާއަށްފަހު، އެ ޕާޓީ ބައިބައިވިޔަނުދީ އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށްޓަކައި އާ އަޒުމެއްގައި މަސައްކަތް ކުރައްވާނެ ކަމަށް މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން މަގާމަކަށް ވާދަކުރެއްވި މީކާއިލް މިހެން ވިދާޅުވީ، މިއަދު ކުރިއަށްދިޔަ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިލާންޖެހުމާ ގުޅިގެން މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި އިންތިޚާބުގައި ކުރި ހޯއްދެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މަރުހަބާ ދަންނަވަމުން މީކާއިލް ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއަށްފަހު ރައީސް ނަޝީދަށް ފޯނުން ގުޅުއްވައި، އެމަނިކުފާނު ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައިވާނެ ކަމަށެވެ.
މީކާއިލްގެ މެސެޖުގައި ބަޔާންކުރައްވާފައިވަނީ، އެމްޑީޕީއަކީ ބައިބައިވުމެއް ނެތް ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ބޭއްވުމަށާއި، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕާޓީއަށް ކާމިޔާބުކޮށްދިނުމަށްޓަކައި އާ ހިތްވަރަކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އަބަދުވެސް ޕާޓީގެ އާންމު މެންބަރުންނާ އެކު ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.
އަދި މި ފުރުސަތުގައި އަޅުގަނޑުގަށް ތާއީދުކޮށް ވޯޓު ދެއްވި އާންމު މެންބަރުންނާއި، ކެމްޕެއިން ޓީމުން ކޮށްދެއްވި ބުރަ، ހިތްވަރުގަދަ މަސައްކަތަށް އެބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން!
— Meekail Naseem (@MickailNaseem) June 12, 2026
މީގެ އިތުރުން، މި އިންތިޚާބުގައި މީކާއިލަށް ތާއީދުކޮށް ވޯޓު ދެއްވި ހުރިހާ މެންބަރުންނަށާއި، ކެމްޕެއިންގައި ބުރަކޮށް މަސައްކަތްކޮށްދެއްވި ޓީމަށް އޭނާ ވަނީ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާފައެވެ.













