މޯލްޑިވްސް ޒަކާތު ހައުސްއިން މިއަހަރުގެ މުދަލު ޒަކާތް ބަހައި ނިންމާލައިފިއެވެ. ޒަކާތު ހައުސްއިން ހާމަކުރެއްވި ގޮތުގައި މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ބަހާފައިވަނީ 5،500 ދިވެހި ރުފިޔާއެވެ.
މި ފައިސާ ޖަމާކޮށްދީފައިވަނީ 1447 ވަނަ އަހަރުގެ ހައްޖުމަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އެގޮތުން ޖުމުލަ 2،384 މީހުންނަށް މުދަލު ޒަކާތުގެ ފައިސާ ވަނީ ޖަމާކޮށްދީފައެވެ.
ޒަކާތު ހައުސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ޖުމުލަ 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ދިވެހި ރުފިޔާ ވަނީ ދޫކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު މިންވަރަކީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ދޫކޮށްފައިވަނީ 5،000 ދިވެހި ރުފިޔާއެވެ.
މުދަލު ޒަކާތަކީ އިސްލާމްދީނުގެ ފަރުޟަކަށްވާއިރު، މި ފައިސާ ހައްގުވެރިންނަށް ފޯރުކޮށްދިނުމަކީ ދައުލަތުންނާއި ޒަކާތު ހައުސްއިން ނުހަނު އިސްކަންދޭ ކަމެއްކަން މި އުސޫލުތަކާއި މިކަމަށްދޭ ސަމާލުކަމުން އެނގެއެވެ. މިއަހަރުގެ ޒަކާތް ބަހާފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، ޒަކާތް ލިބުން ހައްގުވާ ފަރާތްތަކުގެ ބޭންކު އެކައުންޓްތަކަށް ސީދާ ފައިސާ ޖަމާކޮށްދީގެންނެވެ.











