މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޕޯލްޑް ކަޕާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވާފައިވާ ފުޓްބޯޅަތަކެއް ދިވެހި ފުޓުބޯޅަ ލެޖެންޑުންނަށް ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ސްޕޯޓްސް މިނިސްޓްރީން ނިންމައިފިއެވެ.
ވޯލްޑް ކަޕްގެ ފޯރި އިތުރުކުރުމަށް ސްޕޯޓްސް މިނިސްޓްރީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މިކަމަކީ، ވޯލްޑް ކަޕްގެ މެއިން ސްޕޮންސަރެއް ހަދިޔާކޮށްފައިވާ ބޯޅަތަކެކެވެ. މިކަމާ ގުޅިގެން ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު ވިދާޅުވީ، މި ބޯޅަތަކަކީ ވޯލްޑް ކަޕްގެ މެއިން ސްޕޮންސަރަކު ހަދިޔާކޮށްފައިވާ ބޯޅަތަކެއް ކަމަށާއި އަދި އެ ބޯޅަތައް ފުޓުބޯޅަ ލެޖެންޑުންނަށް ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ނިންމައިފައިވާ ކަމަށެވެ.
މި ހަރަކާތް ކުރިއަށްދިޔަ ވަގުތު މިނިސްޓަރު ރާފިއު ވަނީ މި އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރާނީ ކޮން ޓީމެއްތޯ ރައީސްގެ އަރިހުން ސުވާލުކުރައްވައިފައެވެ.
މިނިސްޓަރު ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، އެންމެ ކުޑައިރުންސުރެ ވެސް ސަޕޯޓްކުރައްވަނީ އާޖެންޓީނާއަށް ކަމަށް ވިދާޅުވެފައެވެ. އަދި އިންގްލެންޑަކީ ވެސް ސަޕޯޓްކުރާ ޓީމެއް ކަމަށާއި، އާޖެންޓީނާއަށް ތަށި ނުލިބިއްޖެ ހާލަތެއްގައި އިންގްލެންޑަށް ތަށި ލިބުނީމަ ރަނގަޅުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޝެޑިއުލްތައް އޮންނަ ގޮތުން މި އަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ބެލުމުގެ ކަންކަން އޮތީ ވަރަށް އުނދަގޫކޮށް ކަމަށާއި، މެޗްތަކެއް ނުބެލުނު ނަމަވެސް ވީވަރަކުން މެޗްތައް ބައްލަވާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި އަހަރުގެ ވޯލްޑް ކަޕްގައި ފްރާންސް ވަރަށް ވަރުގަދަވާނެ ކަމަށާއި، ނަމަވެސް ހޮލެންޑަކީ ވެސް ތަށި ނަގާފާނެ ޓީމެއް ކަމަށެވެ.













