ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްލާމިކް މިނިސްޓްރީއަށް ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވުނު ހާއްސަ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ބައިވެރިވެލައްވައިފައެވެ. ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޝަހީމެވެ. އަދި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) ޢަލީ ޒުހައިރުއެވެ.
މި މިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 2 އަދި ފޭސް 3 ދެމެދުގައެވެ.
ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ މަޝްރޫއުއަށް ފައިނޭންސް ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އަލްރަޖްޙީ ކުންފުންޏާއެކު އިސްލާމިކް މިނިސްޓްރީން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވދ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި މި ބޮޑު މިސްކިތް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެންނެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި މިސްކިތް ކޮމްޕްލެކްސްގައި މިސްކިތުގެ އިތުރުން ގުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަން ވެސް ހިމެނޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ.












