ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާ ދެމެދު ނުތަނަވަސްކަމެއް އުފެދު ކަމަށާއި ނަމަވެސް އެކަމަށްޓަކައި އަސްމާގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މައާފަށް އެދިވަޑައިގަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ސަލީމް ވިދާޅުވީ، ކަމެއް ގޯސްކޮށް ކުރެވިއްޖެ ނަމަ އެކަމަށް މައާފްކޮށް އެކަމެއް އިސްލާހުކުރަންޖެހޭ ކަމަށެވެ. އެގޮތުން ދާދި ފަހުން ރައީސް މުޢިއްޒު ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނާ ބައްދަލުކުރައްވައި ކަންކަން ދިމާވި ގޮތުގެ ވާހަކަ ހިއްސާކުރައްވައި، ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރަންވީ ގޮތް ކިޔައިދެއްވި ކަމަށެވެ.
މެންބަަރު ސަލީމް ވިދާޅުވި ގޮތުގައި، މަޖިލިސް މެންބަރުންނާއެކު ބޭއްވި މި ބައްދަލުވުމުގެ ތެރެއިން ރައީސް މުޢިއްޒު ވަނީ، މެންބަރު އަސްމާއާ ދެމެދު ހިނގާދިޔަ ނަތަނަވަސްކަމުގެ ތެރެއިން ވެސް އޭނާގެ ކިބައިން އެކަމަށް މައާފަށް އެދިވަޑައިގެންފައި ކަމަށެވެ.
”އަޅުގަނޑުމެން ޕާލިމަންޓް ގުރޫޕްގެ އެންމެން ތިއްބެވި ތަނެއްގައި، އަސްމާއްތައާ ދޭތެރޭގައި ކޮންމެވެސް ވަރަކަށް ޕާޓީގެ ތެރޭގައި ހިތްހަމަނުޖެހިގެން ކަންތައްތަކެއް ހިނގި ކަމެއް، އެ ދުވަހު އަޅުގަނޑުމެންގެ ޕާލިމަންޓް ގުރޫޕްގެ އެންމެން ކުރިމަތީގައި އަސްމާއްތަގެ ކިބައިން އެމަނިކުފާނު މައާފަށް އެދިވަޑައިގަތް،“ – މެންބަރު ސަލީމް ވިދާޅުވިއެވެ.
މިކަމުން ވެސް ހާމަވެގެންދަނީ ރައީސް މުޢިއްޒުގެ ހުލްގު ހެޔޮކަން ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް އެމަނިކުފާނުގެ ކިބައިން މި މިސާލު ނަންގަވަންޖެހޭ ކަމަށް މެންބަރު ސަލީމް ވަނީ ވިދާޅުވެފައެވެ.













