ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަޙީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަމާޒުކުރެއްވި ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ، ޝަމްއާން މީޑިއާގައި ދެއްކެވި ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް، އިތުރުފުޅުތަކެއް ކަމަށެވެ.
”ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި އެދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް،“ މުންދު ވިދާޅުވިއެވެ.
ޝަމްއާން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ސީދާ ސަރުކާރުގެ އިސްވެރިން އަޑީގައި ތިބެގެން ރޭވި ”ފްރޭމް“ އެއް ކަމަށް ބުނެފައެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، މި މައްސަލައިގެ ޝަރީއަތް ނިމޭނީ އޭނާގެ މައްޗަށް ހުކުމްކޮށްގެންކަން ޔަގީންކަމާއެކު އެނގެއެވެ. އަދި އޭނާއާ ދެކޮޅަށް ބަޔާން ހޯދުމަށްޓަކައި، އޭނާއާއެކު ހައްޔަރުކުރި މީހުންނަށް ވަކިވަކި ”ޑީލްތައް“ ދީފައިވާ ކަމަށްވެސް ޝަމްއާން ވިދާޅުވިއެވެ.
ޝަމްއާން އިތުރަށް ވިދާޅުވި ގޮތުގައި، މި މައްސަލައިގައި އިސްކޮށް އުޅުއްވަނީ ހޯމް މިނިސްޓަރު ޢަލީ އިޙްސާން އާއި އެޓާނީ ޖެނެރަލް އަޙްމަދު އުޝާމްއެވެ. އަދި މި ހުރިހާ ކަމެއް ހިނގަމުންދާކަން ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ބުންޏެވެ.
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި އެދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް.@mundhu_maldives @thefeed_mv
— Mohamed Hussain Shareef (@MvSpokesperson) June 9, 2026
މީގެ އިތުރުން، މިނިސްޓަރު އިޙްސާން ހިންގަވާ ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތަކެއް ރައީސްގެ ސަމާލުކަމަށް ގެނައުމުން، ރައީސް ދެއްވި ޖަވާބަކީ އޭނާއަކީ ރައީސަށް ”ލޯޔަލް“ މީހެއް ނޫން ކަމަށް ބުނުން ކަމަށް ޝަމްއާން ތުހުމަތު ކުރިއެވެ. ބަންގްލަދޭޝް މީހުންގެ އަތުން ކޯޓާއަކަށް 8,000 ރުފިޔާ ނަގައިގެން ހިންގާ ކޮރަޕްޝަންގެ އަމަލުތަކަށް ރައީސް ފިޔަވަޅު ނޭޅުއްވުމަކީވެސް ކޮރަޕްޝަނެއް ކަމަށް އޭނާ ސިފަކުރިއެވެ.
ޝަމްއާން ބުނި ގޮތުގައި އޭނާ މަސައްކަތް ކުރީ މަސްއޫލިއްޔަތު އަދާކުރާށެވެ. ނަމަވެސް މި މައްސަލައިގައި ހިމެނޭ ބޭރު މީހާ ދޫކޮށްލަން އެންގީވެސް މިނިސްޓަރު އިޙްސާން ކަމަށާއި، އެކަން ބަޔާންތަކުން އެނގެން އޮންނާނެ ކަމަށް އޭނާ ބުންޏެވެ.
މިއީ ބުރަ މަސައްކަތުން ގެނައި ސަރުކާރެއް ނަމަވެސް، މިހާރު އޭނާ އެދެނީ 2028 ވަނަ އަހަރު މި ސަރުކާރު ބަދަލުކުރުމަށް އެންމެން މަސައްކަތް ކުރުމަށް ކަމަށްވެސް ޝަމްއާން ވިދާޅުވިއެވެ.
ސަރުކާރުން މި ހުރިހާ ތުހުމަތުތަކެއް ދޮގުކުރާއިރު، މި މައްސަލައާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. އެގޮތުން މި މައްސަލައިގައި ’އެކި އެމްވީ‘ ވާނީ ފުލުހުންނާއި ރަސްމީކޮށް ސުވާލުކޮށްފައެވެ. އެއީ ހޯމް މިނިސްޓަަރަށް މިވަރުގެ ތުހުމަތެއް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން، ކުރެއްވުމާއި ގުޅިގެންނެވެ. އެހެން ނަމަވެސް ފުލުހުން މިހާތަނަށް މިކަމުގައި ވަކި ޖަވާބެއް ދެއްވާފައި ނުވެއެވެ.













