Sunday, 26 July 2026

Ads by

ހިތަދޫ އުތުރު ބައި-އިލެކްޝަން: އެމްޑީޕީއަށް ލިބުނު ވަގުތީ ހިތްހަމަޖެހުމެއް، އަދި ސަރުކާރަށް ލިބުނު ތާރީޚީ ކުރިއެރުމެއް!

އެކި ގްރެފިކްސް: ޙުސެއިން ފައުޒާން

މި ނިމިދިޔަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއާމެދު ފުންކޮށް ވިސްނައި، ތަފާސްހިސާބުތަކަށް ބަލައިލުމުން ހާމަވެގެންދާ އެންމެ ބޮޑު ޙަޤީޤަތަކީ، މިއީ ހަމައެކަނި ގޮނޑިއެއް ކާމިޔާބުކުރުމާއި ނުކުރުމުގެ މައްޗަށް ބިނާވެފައިވާ ނަތީޖާއެއް ނޫންކަމެވެ.

އެމްޑީޕީން ކުޑަ ތަފާތަކުން މި ގޮނޑި ކާމިޔާބުކުރި ނަމަވެސް، ޙަޤީޤީ މަންޒަރަށް ބަލާއިރު މިއީ ޕީއެންސީއާއި ސަރުކާރަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މިއީ އެމްޑީޕީއަށް ލިބުނު ފުރިހަމަ ކާމިޔާބީއެއް ނޫނެވެ. އެއީ ހަމައެކަނި ވަގުތީ ގޮތުން ހިންދެމިލަން ލިބުނު ކުޑަ ހިނދުކޮޅެކެވެ.

ތަފާސްހިސާބުތަކުން ފެންނަ ޙަޤީޤަތް: ބަދަލުވެފައިވާ ސިޔާސީ ސްޕެކްޓްރަމް!

މާޒީއަށް ނަޒަރު ހިންގާލާއިރު، އައްޑޫ ސިޓީއާއި ޚާއްޞަކޮށް ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީ ފަޚުރުވެރިވި ކިއްލާއެކެވެ. 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން އެ ދާއިރާ ނެގީ އިދިކޮޅު ފަރާތްތަކަށް ވާދަވެސް ނުކުރެވޭހާ ބޮޑު ތަފާތަކުންނެވެ. އަދި 2021 ގެ ލޯކަލް ކައުންސިލް އިންތިޚާބުތަކުގައިވެސް އެ ޕާޓީން އެ ދާއިރާ ކޮންޓްރޯލްކުރީ ފަސޭހަކަމާއެކުގައެވެ. އެހެންނަމަވެސް 2023 ގެ ރިޔާސީ އިންތިޚާބުން ފެށިގެން މި މަންޒަރު ބަދަލުވާން ފެށިއެވެ.

އެ އިންތިޚާބުގައި ޕީއެންސީން ވަނީ އައްޑޫން ގާތްގަނޑަކަށް 38% ވޯޓު ހޯދައި، އެމްޑީޕީގެ ބިންގަލަށް ގުޑުން އަރުވާލާފައެވެ. އޭގެ ނަތީޖާއަކަށްވީ، 2024 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވި އާންމު އިންތިޚާބުގައި ޕީއެންސީން 1،079 ވޯޓާއެކު (41.6%) އެ ދާއިރާގެ ގޮނޑި ތާރީޚީ ގޮތަކަށް ކާމިޔާބުކުރުމެވެ.

އިއްޔެ ބޭއްވުނު ބައި-އިލެކްޝަންގައި ސަރުކާރު ކެންޑިޑޭޓަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިއީ ޕީއެންސީގެ ފިކުރަށް އެ ދާއިރާއިން މިހާތަނަށް ލިބުނު އެންމެ ގިނަ ވޯޓުކަން ކަށަވަރެވެ. އެންމެ ކުޑަ ފަރަގަކުން ބަލިވުމަކީ، ސަރުކާރުން އެ ދާއިރާގައި ގިނަ އަދަދެއްގެ ވޯޓުތަކެއް ކަށަވަރުކޮށް، ދާއިމީ އަދި ވަރުގަދަ ބިންގަލެއް އަޅާފައިވާކަމުގެ އަލިގަދަ ހެއްކެކެވެ. މީގެ މާނައަކީ، ކުރިން އެމްޑީޕީގެ އަތްދަށުގައި އޮތް ދާއިރާއެއް މިހާރު އެޕާޓީގެ އަތުން ގޮސް، ކޮންމެ ވޯޓަކަށްޓަކައި ގަދަފަދަ ހަނގުރާމައެއް ކުރަން މަޖުބޫރުވެފައިވުމެވެ.

ކޮމަންޑޫ ދާއިރާގެ ތަޖުރިބާއާ އަޅާބެލުން: މިއީ އިންސާފުވެރި ވާދަވެރި ކުރިމަތިލުމެއް!

މި ނަތީޖާގެ ޙަޤީޤީ ބުރަދަން އެނގޭނީ، އެމްޑީޕީގެ ވެރިކަމުގައި 2022 ވަނަ އަހަރު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ މި އިންތިޚާބު އަޅާބަލައިލުމުންނެވެ. ކޮމަންޑޫ ދާއިރާގެ ގޮނޑި ދިފާޢުކުރުމަށްޓަކައި އޭރުގެ އެމްޑީޕީ ސަރުކާރުން ވަނީ ދައުލަތުގެ ބަޖެޓުން އިންތިހާއަށް ބޮޑެތި ޚަރަދުތައްކޮށް، ކުއްލި ގޮތަކަށް އެތައް މިލިއަން ރުފިޔާގެ މަޝްރޫޢުތަކެއް އިއުލާންކޮށްފައެވެ. އެއީ ދައުލަތުގެ މުޅި މެޝިނަރީއާއި ބަޖެޓު ނަހަމަ ގޮތުގައި ބޭނުންކޮށްގެން، އިންތިހާއަށް ބާރުގެ ބޭނުންކޮށްގެން ހޯދި ގޮނޑިއެކެވެ. އެއާ ޚިލާފަށް، ހިތަދޫ އުތުރުގެ މި ބައި-އިލެކްޝަންގައި މިހާރުގެ ސަރުކާރުން ވަނީ އެފަދަ ހުތުރު އުކުޅުތަކުން ދުރުވެ، އިންސާފުވެރިކަމާއެކު ކެމްޕޭންކޮށްފައެވެ.

ދައުލަތުގެ ފައިސާއާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންނުކޮށް، ހަމައެކަނި ރައްޔިތުންނާ ހަމައަށް ގޮސްގެން ސަރުކާރުން ހޯދި މި ބޮޑު ވޯޓަކީ، އޭރުގެ އެމްޑީޕީ ސަރުކާރުގެ ޢަމަލުތަކާ އަޅާބަލާއިރު ވަރަށް ބޮޑު އަޚްލާޤީ އަދި ސިޔާސީ ކާމިޔާބީއެކެވެ.

ގޮންޖެހުންތަކާއި ދޮގު ޚަބަރުތަކުގެ ތެރެއިން ސަރުކާރުން ހޯދި ކުރިއެރުން!

މި އިންތިޚާބުގައި ސަރުކާރުން ހޯދި ނަތީޖާގެ ބޮޑުކަން ވަޒަންކުރެވޭނީ، މި ނަތީޖާ ނެރުމަށްޓަކައި ސަރުކާރުން ކުރިމަތިލި އުނދަގޫތަކާއި ގޮންޖެހުންތަކަށް ބެލުމުންނެވެ. މިއީ ހަމައެކަނި އިދިކޮޅު އެއް ޕާޓީއާ ދެކޮޅަށް ސަރުކާރުން ކުރި މަސައްކަތެއް ނޫނެވެ. މިއީ ރާއްޖޭގައި ވެރިކަންކުރެއްވި ކުރީގެ ތިން ރައީސުން އެކުލެވޭ ގޮތަށް، ސިޔާސީ ބޮޑެތި ބާރުތަކަކުން ސަރުކާރާ ދެކޮޅަށް އެކުލަވާލި ވަރުގަދަ އޮއިވަރަކާ ދެކޮޅަށް ކުރި މަސައްކަތެކެވެ.

މީގެ އިތުރުން، އެކްޓިވިސްޓުން މެދުވެރިކޮށް ސަރުކާރާ ދެކޮޅަށް ފެތުރި ދޮގު ޚަބަރުތަކާއި ނަފްރަތުގެ ކެމްޕޭންތަކަކީ މީގެ ކުރިން އެހެން ރައީސަކާ ދެކޮޅަށް ނުހިންގާހާ ބޮޑު ޕްރޮޕެގެންޑާތަކެކެވެ. މިހާ ބޮޑު ހުރަސްތަކަކާއި، ސިޔާސީ އެންމެހާ ބާރުތައް އެއްކޮޅަކަށް ޖެހި، މެދުކެނޑުމެއްނެތި ސަރުކާރަށް އަމާޒުކުރި ހަމަލާތަކުގެ ތެރެއިންވެސް، ޕީއެންސީން މިފަދަ ބޮޑު ވޯޓެއް ހިތަދޫ އުތުރުން ހޯދުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ އައްޑޫ ރައްޔިތުންގެ މެދުގައި ސަރުކާރުގެ މަޤްބޫލުކަން އިތުރުވަމުންދާކަމުގެ ސާފު ނިޝާނެކެވެ.

ޙަޤީޤީ ކާމިޔާބީއަކީ ކޮބާ؟

އެމްޑީޕީއަށް ގޮނޑި ލިބުމުން ކާމިޔާބީ ފާހަގަކޮށްފާނެއެވެ. ނަމަވެސް، އޮބްޖެކްޓިވް ޙަޤީޤަތަކީ މިއީއެވެ. އެމްޑީޕީގެ އެންމެ ވަރުގަދަ ކިއްލާގައި ބޮޑު ތަފާތަކުން މޮޅުވުމުގެ ބަދަލުގައި، ކުޑަ ފަރަގަކުން ސަލާމަތްވުމަކީ ފުރިހަމަ ކާމިޔާބީއެއް ނޫނެވެ. ޙަޤީޤީ ކާމިޔާބީއަކީ، ކުރީގެ ތިން ރައީސުންނާއި، ދޮގު ޚަބަރު ފަތުރާ ބިޔަ ނެޓްވޯކަކާ ދެކޮޅަށް ހަނގުރާމަކޮށް، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ނުކޮށް، ޕީއެންސީން އައްޑޫ ސިޓީގައި ދުވަހަކުވެސް ނުހޯދާފަދަ ވަރުގަދަ ނަތީޖާއެއް ނެރެ، އެ ދާއިރާގައި ސަރުކާރުގެ ބާރު ދާއިމީ ގޮތަކަށް ސާބިތުކޮށްދިނުމެވެ. ސިޔާސީ މަންޒަރު ވަނީ ބަދަލުވެފައެވެ. އަދި އައްޑޫ ސިޓީގައި އެމްޑީޕީގެ މޮނޮޕޮލީ މިވަނީ ނިމުމަކަށް އައިސްފައެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް