މިއަދު ބޭއްވުނު އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަނާ ގުޅޭގޮތުން، ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އެ ދާއިރާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ، މިއަދުގެ އިންތިޚާބުގައި ޕީއެންސީގެ ކެނޑިޑޭޓް އަޙްމަދު ސަޢީދަށް ވޯޓްދެއްވި ހިތަދޫ އުތުރު ދާއިރާގެ ހުރިހާ ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ. އަދި ކެންޑިޑޭޓް އަޙްމަދު ސަޢީދު ކުރެއްވި ބުރަ މަސައްކަތަށާއި ދެއްކެވި ހިތްވަރަށް ސާބަސް ދެއްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކެމްޕެއިން ޓީމުން ކުރި މަސައްކަތަށް ތަޢުރީފު ކުރައްވަމުން އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި، އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
މިއަދު އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވި ޕީއެންސީގެ ކެނޑިޑޭޓް އަޙްމަދު ސަޢީދަށް ވޯޓްދެއްވި އެ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޙްމަދު ސަޢީދު ކުރެއްވި މަސައްކަތާ ހިތްވަރަށް ސާބަސްދެން.…
— Abdul Raheem Abdulla (@Banafsaa) June 6, 2026
”އިންޝާ الله، މިއަދުން ހިތްވަރު ލިބިގެން 2028 އަށް ރައީސް މުޢިއްޒާ އެކު މިތިބީ އަމާޒު ހިފައިގެން ގަދަކޮށް،“ އަބްދުއްރަހީމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
މި ބައި-އިލެކްޝަނަކީ އައްޑޫ ސިޓީގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތައް ދޭހަކޮށްދޭ މުހިންމު އިންތިޚާބެއްގެ ގޮތުގައި ސިޔާސީ ފަރާތްތަކުން ފާހަގަކުރެއެވެ.













