ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި އިއްޒަތްތެރިއެއްގެ ލަގަބު އަރުވާފައިވާ، މއ. އަލިތަރި އިބްރާހީމް ރަޝާދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފުން ހިތާމައާއެކު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިބްރާހީމް ރަޝާދު އަވަހާރަވި ޚަބަރު އެޑުއެއްސެވީ ނުހަނު ފުން ހިތާމައާއެކު ކަމަށެވެ. މަރްޙޫމް އިބްރާހީމް ރަޝާދަކީ ދައުލަތުގެ މަތީ މަގާމުތަކެއް ފުރުއްވައި، އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން، އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމާއި، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްގެ މަގާމާއި، އަތޮޅުވެރިކަމުގެ އިތުރުންވެސް ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް، ރަޝާދު އަދާކުރެއްވީ މުރާލިކަމާއި، ތެދުވެރިކަމާއި އަދި ރޭވުންތެރިކަމާއެކުކަން ރައީސް ބަޔާންކުރެއްވިއެވެ. ރައީސް ސިފަކުރެއްވި ގޮތުގައި އިބްރާހީމް ރަޝާދަކީ ޙިކްމަތްތެރި ހިންގުންތެރި ޝަޚްޞިއްޔަތެއްގެ އިތުރުން، އެ މަގާމުތައް އަދާކުރެއްވުމުގައި ލާމަސީލު ނަމޫނާއެކެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ދިވެހި ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި ޢިއްޒަތްތެރިއެއްގެ ލަޤަބު އަރުވައިފައިވާ، އަދި ދިވެހި ދައުލަތުގެ މަތީ މަގާމުތަކެއްގައި އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި، މއ.އަލިތަރި، އިބްރާހީމް ރަޝާދު އަވަހާރަވި ޚަބަރު… pic.twitter.com/Y7Gxx4Lvd4
— Dr Mohamed Muizzu (@MMuizzu) June 6, 2026
ރައީސް މުޢިއްޒުގެ މެސެޖުގައި އިތުރަށް ވިދާޅުވީ، މީގެ ވިއްސަކަށް އަހަރު ކުރިން، ޓެކްނޮލޮޖީގެ ވަސީލަތްތައް މަދު ޒަމާނެއްގައިވެސް، ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް ރައްޔިތުންނަށްދޭ ޚިދުމަތްތައް ފަސޭހަކުރުމަށް ރަޝާދު ކުރެއްވި މަސައްކަތްޕުޅުތަކަކީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަންކަން ކަމަށެވެ. އަދި އޭނާއަކީ ދައުލަތުގެ އުސޫލުތަކާއި ހަމަތައް ހިފެހެއްޓެވުމުގައި ރައްޔިތުންނާއި ވެރިންގެ އިތުބާރު ހޯއްދަވާފައިވާ އަމާނާތްތެރި ބޭފުޅެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
”ޤައުމަށް ގެއްލިގެން އެދިޔައީ ބޭނުންތެރި އަގުހުރި ތަޖްރިބާކާރެއް،“ ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ފަހުގެ ތާރީޚުގައި ރާއްޖެ ދުށް މިފަދަ ޚިދުމަތްތެރި، ޚުލްޤު ހެޔޮ ބޭފުޅަކު ވަކިވެވަޑައިގަތުމުގެ ހިތާމައިގައި، މަރްޙޫމްގެ ޢާއިލާއަށާއި، އެމަނިކުފާނު ޚިދުމަތްކުރެއްވި އެކި އިދާރާތަކުގެ މުވައްޒަފުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުޒިޔާ ފޮނުއްވާފައެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، މާތް ﷲ ގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތުގައި މަރްޙޫމް އިބްރާހީމް ރަޝާދު ލެހެއްޓެވުން އެދި ދުޢާ ކުރައްވަމުންނެވެ.













