މިހާރުވެސް ވިލިމާލެއިން ފެންނަ ހިތްގައިމު ފެހިކަންމަތީގައި އެ އަވަށުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް ފެށި ”ދަ ޕަލްސް ޕޮޑްކާސްޓް“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވިލިމާލޭގައި ހިންގުމަށް ރޭވިފައިވާ ހައުސިން މަޝްރޫޢާއި އެނޫންވެސް އުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ބޮޑެތި ގަސްތައް ނަގަންޖެހޭ މައްސަލައަށް ހައްލެއް ހޯއްދަވާފައިވާ ކަމަށެވެ. އެގޮތުން، ހައުސިން އިމާރާތްތައް އެޅުމަށް ކުރިން ކަނޑައެޅި ސަރަހައްދަށް ބަދަލުގެނެސް، އެ ސަރަހައްދުގައި ހުރި ގަސްތައް ނުނަގައި ބެހެއްޓުމަށް މިހާރު ނިންމާފައިވާކަން ރައީސް ހާމަކުރެއްވިއެވެ.
ވިލިމާލޭގައި އަޅާ އާ ހޮސްޕިޓަލުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ސަރަހައްދުން ކޮންމެވެސް ވަރަކަށް ގަސް ނަގަންޖެހުނު ނަމަވެސް، އެ ގަސްތަކުގެ ބަދަލުގައި އެހެން ތަންތަނުގައި ގަސް އިންދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. ވަގުތީ ގޮތުން ބައެއް ގަސްތައް ނެގި ނަމަވެސް، އޭގެ ބަދަލު ފަހުން ފެންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
”އަޅުގަނޑުމެން ބޭނުން ވިލިމާލެއަކީ ފެހިތަނެއްގެ ގޮތުގައި، ފެހިކޮށް ބާއްވަން. ދެން އަބަދުވެސް މާލެއާ ގުޅިފައި އެފަދަ ތަނެއް އޮތުން ވަރަށް މުހިންމު. ޒަމާންސުރެ އޮތް މި ރީތިކަން ޤާއިމުކޮށް ރަނގަޅަށް ބޭނުން. އަލުން ތަރައްޤީވެސް ކުރަން ބޭނުން،“ ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާނީ ތިމާވެށި ހިމާޔަތްކުރުމާ ގުޅިލާމެހިގެންދާނެ ގޮތެއްގެ މަތިން ކަމަށެވެ. އަދި ތިމާވެށި ހިމާޔަތްކޮށް ކުރިއެރުވުމުގައި ދިވެހިރާއްޖެއަކީ މުޅި ދުނިޔެއަށް ނަމޫނާ ޤައުމަކަށް ހައްދަވަން ބޭނުންފުޅުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެއްކަމަށްވާ ”ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް“ އާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި، މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ގަސް އިންދިފައިވާ ކަމަށެވެ. 2024 ޖޫން 5 ވަނަ ދުވަހު ފެށި މި މަޝްރޫޢު ކާމިޔާބުކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.












