މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖޭގައި ވައްކަމުގެ 1,492 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް އެކި ބާވަތުގެ ޖުމްލަ 5,226 މައްސަލައެއް ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ.
ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތަފްސީލު:
ވައްކަން: 1,492 މައްސަލަ
އެކްސިޑެންޓް: 1,380 މައްސަލަ
މަސްތުވާތަކެތި: 867 މައްސަލަ
ތަކެތި ގެއްލުން: 448 މައްސަލަ
މާރާމާރީ: 289 މައްސަލަ
މުދަލަށް ގެއްލުންދިނުން: 275 މައްސަލަ
ގެވެށި އަނިޔާ: 154 މައްސަލަ
ޚިޔާނާތް: 116 މައްސަލަ
ޖިންސީ ކުށް: 108 މައްސަލަ
ފޭރުން: 76 މައްސަލަ
އޮޅުވާލުމާއި މަކަރާއި ހީލަތް: 21 މައްސަލަ
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ތެރޭގައި އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ޖަނަވަރީ މަހުއެވެ. އެ މަހު 1,108 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ފެބުރުވަރީ މަހު 953 މައްސަލަ، މާރިޗު މަހު 966 މައްސަލަ، އެޕްރީލް މަހު 874 މައްސަލަ އަދި މޭ މަހު 1,049 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ހިނގަމުންދާ ޖޫން މަހުގެ މިހާތަނަށް 125 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މުޖުތަމައުގައި ހިނގާ މިފަދަ ކުށްތަކާއި އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި ފުލުހުންނާއި ކަމާގުޅޭ އިދާރާތަކުން އަންނަނީ އިރުޝާދުތައް ދެމުންނެވެ. އަދި އާންމުން ހޭލުންތެރިކުރުވުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަނީ ހިންގަމުންނެވެ.














