ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ބޭރު ފައިސާ ނުވަތަ ޑޮލަރު ވިއްކާފައިވާ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ބޮޑުތަނުން އިތުރުވެފައިވާކަން އެ ބޭންކުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ބީއެމްއެލްއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި، ބޭރު ގައުމުތަކުގައި ކުރާ ކާޑުގެ މުޢާމަލާތްތަކަށް ބޭންކުން ދޫކުރި ޑޮލަރުގެ އަދަދު ވަނީ ބޮޑުތަނުން މަތިވެފައެވެ. އެގޮތުން، މިއަހަރުގެ މޭ މަހުގެ ނިޔަލަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ކާޑު މުޢާމަލާތްތަކަށް ޖުމްލަ 345 މިލިއަން ޑޮލަރު ވިއްކާފައިވެއެވެ. މިއީ މަހަކަށް އެވަރެޖްކޮށް 69 މިލިއަން ޑޮލަރެވެ. ނިމިދިޔަ 2023 ވަނަ އަހަރު މި ބޭނުންތަކަށް މަހަކު އެވަރެޖްކޮށް ވިއްކާފައިވަނީ 47 މިލިއަން ޑޮލަރެވެ.
ވިޔަފާރިތަކަށް ބޭރުން މުދާ ގެނައުމަށް (ޓީޓީ ހެދުމަށް) ދޫކުރާ ޑޮލަރުގެ މިންވަރަށް ބަލާއިރުވެސް ބޮޑު ކުރިއެރުމެއް ވަނީ ފާހަގަކުރެވިފައެވެ. މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ވިޔަފާރިތަކަށް 147 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއީ މަހަކަށް އެވަރެޖްކޮށް 29 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ މަހަކު އެވަރެޖްކޮށް 15 މިލިއަން ޑޮލަރުގައެވެ. މިއީ ގާތްގަނޑަކަށް ދެގުނަ އިތުރުވުމެކެވެ.
މީގެއިތުރުން، އާންމު ރައްޔިތުން ބޭނުންކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ މުޢާމަލާތްތަކަށް ވިއްކި ޑޮލަރުގެ އަދަދުވެސް ވަނީ މަތިވެފައެވެ. މިއަހަރުގެ މޭ މަހުގެ ނިޔަލަށް ކާޑުތަކަށް މަހަކު އެވަރެޖްކޮށް 40 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިދިޔަ އަހަރުގެ އެވަރެޖަކީ މަހަކު 33 މިލިއަން ޑޮލަރެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މޭ މަހުގެ ނިޔަލަށް ޖުމްލަ 45,764 ޓީޓީއަކަށް ބޭންކުން ވަނީ ބޭރު ފައިސާ ފޯރުކޮށްދީފައެވެ. އަދި ކާޑުތައް މެދުވެރިކޮށް ހިންގި 3.1 މިލިއަން ޓްރާންސެކްޝަނަކަށް ބޭރު ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ބޭންކުން ފާހަގަކުރެއެވެ.
އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުން ބޭރު ފައިސާ ފޯރުކޮށްދޭ ޢަދަދު ވަނީ އިތުރު. pic.twitter.com/N3YnfsRaeo
— Bank of Maldives (@bankofmaldives) June 4, 2026
ބޭންކުން ޑޮލަރު ދޫކުރާ މިންވަރު އިތުރުވެފައި މިވަނީ، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އިތުރުވެ، ބޭރު ފައިސާއަށް އޮތް ބޭނުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ބޭންކް އޮފް މޯލްޑިވްސްއިން ބުނެފައިވަނީ ރާއްޖޭގެ މައި ބޭންކުގެ ހައިސިއްޔަތުން، ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށެވެ.












