ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނަކީ ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން، މި ހިނގާ ޖޫން މަހުގެ 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޅ. ހިންނަވަރު، ޑިވައިންޓެސްޓް، މުޙައްމަދު އަންދާޒު އަޙްމަދު (39އ) އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ހިންނަވަރު އޭޓީއެމް ބަނދަރު ސަރަހައްދުންނެވެ. ފުލުހުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ކޮތަޅު ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 189.5 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އަންދާޒު އަޙްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ހިންނަވަރު ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.












