ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލް (ގ.ފަހިވާގެ / ކ.މާލެ) ގެ މައްޗަށް މަނީ ލޯންޑްރިން ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އެ މައްސަލަ ބެލީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަނަކުންނެވެ.
އޭސީސީން ބުނީ މި މައްސަލަ މިއަދުގެ ވަގުތެއްގައި ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އޭސީސީން ބުނީ މި މައްސަލައިގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް (އެސްއޯއެފް) ގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށް، ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އަބްދުލްގަފޫރު މެދުވެރިވެގެން، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ބައްސާމު އަދީލް ޖަލީލްގެ ބޭންކް އެކައުންޓަށް 29,000.00 (ނަވާވީސް ހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގަށް ސާބިތުވެފައިވެއެވެ. އަދި މިފައިސާ ބައްސާމުގެ އަމިއްލަ ބޭނުންތަކަށް ހަރަދުކޮށްފައިވާކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.
ބައްސާމަށް ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ ކަންކަމުގައި ބައިވެރިވެ، ރަށްތަކާއި ފަޅުތައް ކުއްޔަށްދިނުމާ ގުޅޭ ބައެއް އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައެވެ.
އޭސީސީން ބުނީ މިމައްސަލައިގައި ބައްސާމަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ގާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 53 ވަނަ މައްދާގެ (ހ) ގެ ދަށުން ކަމަށެވެ..













