ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އިންތިޚާބު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި 5 މެންބަރުންގެ މައްޗަށް އެކުލެވޭ ވަގުތީ ކޮމިޓީއެއް މިއަދު އެކުލަވާލައިފިއެވެ. މިކަން އިޢުލާން ކުރެއްވީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
މަޖިލީހުގެ ގަވާއިދުގެ 7 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެކުލަވާލި މި ކޮމިޓީއަށް މެންބަރުންގެ ނަންތައް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. މި ހުށަހެޅުމަށް ތާއީދު ކުރެއްވީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދެވެ.
މި ވަގުތީ ކޮމިޓީގައި ހިމެނުމަށް މަޖިލީހުން ފާސްކުރި މެންބަރުންނަކީ:
-މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރަކް
-ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
-ގުރައިދޫ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް
-ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
-ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޙަންނާން އަބޫބަކުރު
މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް ބާއްވާ ވޯޓުލުން ކުރިއަށްދާނީ ސިއްރު ވޯޓަކުންނެވެ. މި ކޮމިޓީ އެކުލަވާލުމަށްޓަކައި މެންބަރުންގެ މެދުގައި ނެގުނު ވޯޓަށްފަހު، މަޖިލީހުގެ ޖަލްސާގެ ލައިވް ފީޑް ވަނީ މެދުކަނޑާލާފައެވެ. އެހެން ނަމަވެސް އަލުން ލައިވް ފެށިގެން ކޮމިޓީ މެންބަރުންނަށް ވޯޓުލުމުގެ ކަންކަން ކުރިއަށް އެބަދެއެވެ.
ނައިބު ރައީސް ހޮވުމުގެ މި މަރުޙަލާ ކުރިއަށް މިދަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.












