ޞޫރު / ބައިރޫތު – ލުބުނާނުގެ ދެކުނުގައިވާ އެންމެ މުހިންމު ރަތް ރޮނުގެ ފަހަނައަޅައި، އިޒްރޭލުގެ އިސްތިއުމާރީ އަސްކަރިއްޔާއިން ”ލާޖް-ސްކޭލް“ (ވަރުގަދަ އަދި ބޮޑު) އަސްކަރީ އޮޕަރޭޝަނެއްގެ ދަށުން ލުބުނާނުގެ ފުން ސަރަޙައްދަށް ވަދެ، ސްޓްރެޓީޖިކް ގޮތުން އެންމެ މުހިންމު ތާރީޚީ ބޯފޯޓް ކާސުލް ހިފައިފިއެވެ.
މިއީ ވޭތުވެދިޔަ 26 އަހަރުގެ ތެރޭގައި އިޒްރޭލުގެ ނިރުބަވެރި ސިފައިން ލުބުނާނުގެ ބިމަށް މިހާ ފުންކޮށް ވަތް ފުރަތަމަ ފަހަރެވެ. 900 އަހަރުވީ މި ބޮޑު ކާސުލް ނުވަތަ ޤަލްޢާ ހިފާފައިވަނީ ލިތާނީ ކޯރު ހުރަސްކޮށް، އެ ސަރަޙައްދުގެ އަވަށްތަކަށް ބޮންއަޅައި، އެތައް ބަޔަކު ޤަތުލުކޮށް، އެތައްހާސް ބަޔަކު ބިންތަކުން ނެރެ ރެފިއުޖީންނަށް ހަދާ، ހަނގުރާމައިގެ އެތަކެއް ޖަރީމާތަކެއް ހިންގުމަށް ފަހުގައެވެ. ޔަހޫދީ އިސްތުމާރުގެ ދިފާޢީ ހައްދުފަހަނައެޅި ވަޒީރު އިސްރޭލް ކާޓްޒް ވަނީ ކާސުލްގެ މަތީގައި އިޒްރޭލުގެ ދިދަ ނަގާފައިވާކަން ކަށަވަރުކޮށްދީފައެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން މިހާރު ވަނީ ލުބުނާނުގެ ބޮޑު ސިޓީއެއް ކަމަށްވާ ނަބަޠިއްޔާ އާ 5 ކިލޯމީޓަރު ކައިރިއަށް ޖެހިލާފައެވެ. އަދި ނަބަޠިއްޔާ އާއި، ލުބުނާނުގެ ހަތަރުވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޞޫރު ސިޓީގެ ހުރިހާ ރައްޔިތުން ގެދޮރު ދޫކޮށް ވަގުތުން ފިލުމަށް އަސްކަރިއްޔާއިން ވަނީ އަމުރުކޮށްފައެވެ. މިއީ އެމެރިކާޔާ ހުޅަނގުގެ ޤައުމުތަކުގެ އެހީގައި އިޒްރޭލުން ބައިނަލްއަޤްވާމީ ސުލްޙައިގެ އެއްބަސްވުންތަކަށް ބެލުމެއްނެތި، ބޯޑަރުތައް ފުނޑުފުނޑުކޮށް، މުސްލިމުންގެ ބިންތައް އަޅުވެތިކޮށް ރައްޔިތުން ރަހީނުކުރާ ކަމުގެ ސާފު ހެކިތަކެކެވެ.
ހުޅަނގުގެ މީޑިއާތަކުން ދަނީ މި އެއްކޮޅުން ހިންގާ ޤަތުލުޢާއްމުތަކަކީ ހަމަހަމަ ދެ ޤައުމު ކުރާމުންދާ ”ހަނގުރާމައެއް“ ކަމަށް ސިފަވާހެން ރިޕޯޓުކޮށް މަސްރަހުގެ ޙަޤީގަތް އޮޅުވާލަމުންނެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދ. ގެ ނިޒާމުތައް ވަނީ މި އަނިޔާވެރިކަން ހުއްޓުވުމުގައި މުޅިން ނިކަމެތިވެފައެވެ. އަމިއްލަ ބިން ދިފާޢުކުރާނެ އަސްކަރީ ހަތިޔާރެއް ނެތް އާބާދީއެއްގެ މައްޗަށް ބާރުދެއްކުމަކީ އަސްކަރީ ޙިކުމަތެއް ނޫނެވެ؛ އެއީ ހަމައެކަނި ބޭރުގެ ބާރުތަކުގެ ޙިމާޔަތުގައި ހިންގާ ނަސްލު ނައްތާލުމުގެ އަނިޔާވެރި ޖަރީމާއެކެވެ.












