އިދިކޮޅު އެމްޑީޕީއަށް ކުޑަ ބާރެއް ލިބުނީތީ، މި އަހަރުގެ އަޟްޙާ ޢީދުގައި މާލޭގެ މަގުތަކުން ތަކުބީރުގެ އަޑު ކެނޑިއްޖެ ކަމަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު އަރީޝް ވިދާޅުވެއްޖެއެވެ.
އަރީޝް މި މޭރުމުން ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އެ ސިޓީގައި ތަކްބީރުގެ އަޑު ކަނޑުވާލުމާ ގުޅިގެން، އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އަރީޝް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު، ޢީދާ ގުޅިގެން މުޅި މާލެ ސަރަހައްދުގައި ތަކުބީރުގެ އަޑު ގުގުމާލާފައިވާ ކަމަށެވެ.
އަދި އޭރުގެ ޕީއެންސީގެ ކައުންސިލުން އެ ރިވެތި އާދަ މެދުކެނޑުމެއްނެތި ދަމަހައްޓަމުން އައިކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
ނަމަވެސް ކަންކަން މިހާރު ބަދަލުވެފައިވާކަން ފާހަގަކުރައްވަމުން އަރީޝް ވިދާޅުވީ، އިދިކޮޅު އެމްޑީޕީއަށް ކުޑަވެސް ބާރެއް ލިބުމާއެކު މިފަދަ ދީނީ ރީތި އާދަތަކާ ދުރުވެ، ފަރުވާކުޑަވެގެންދާ މަންޒަރު ފެންނަމުން އަންނަ ކަމަށެވެ. އެގޮތުން މި އަހަރުގެ އަޟްޙާ ޢީދުގައި މާލެ ތެރެއިން ތަކުބީރުގެ އަޑު މުޅިން ކެނޑިގެން ގޮސްފައިވުމީ ހިތާމަހުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި، ދެ ޢީދާ ދިމާކޮށް މާލޭގެ މަގުތަކާއި ގޯޅިތައް ކުލަބޮކިތަކުން ޒީނަތްތެރިކުރުމުގެ އިތުރުން، ލައުޑް ސްޕީކަރުތައް މެދުވެރިކޮށް ތަކުބީރުގެ އަޑު އިއްވުމުގެ ހަރަކާތްތައް އެންމެ ފުރަތަމަ ތައާރަފުކުރެއްވީ ރައީސް މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުއެވެ.












