މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށް ލުއިފަސޭހަވާނޭ ގޮތަށް މާލެ ތަރުތީބުކުރެއްވި ހަމައެކަނި ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ފިޔަވައި މި ޤައުމުގައި މީގެ ކުރިން ވެރިކަން ކުރެއްވި އެހެން ހުރިހާ ރައީސުންވެސް މާލޭގެ ތަރައްޤީއާ ގުޅޭގޮތުން ދެއްކެވީ ”ހުސް އަނގަ“ ކަމަށެވެ. މާލޭގެ މަގުތައް ތަރުތީބުކޮށް، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ޙަޤީޤީ ޙައްލެއް ހޯއްދަވައިދެއްވަމުން ގެންދަވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.
މާލޭގެ ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ މަސައްކަތަށް އިޝާރާތް ކުރައްވަމުން ޝުޖާއު ވިދާޅުވީ، އެ މަސައްކަތް މިހާރު ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އަދި ކުރިން ވެރިކަން ކުރެއްވި ތިން ރައީސުންވެސް، މިހާރު ބޮޑުތަކުރުފާނުމަގު ތަރައްޤީވަމުންދާ ގޮތް ބައްލަވާލެއްވުމަށް ވަޑައިގަތުމަކީ މުހިންމު ކަމެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ރައީސް ޑރ @MMuizzu ފިޔަވާ މިޤައުމުގަ ވެރިކަން ކުރެއްވި ހުރިހާ ރައީސުންވެސް މާލެ އޭކިޔާ ތެޅީ ހުސް އަނގަ.މާލޭގެ ލޮބުވެތި ރައްޔިތުންނާއި މާލޭގައި ދިރިއުޅުއްވާ ލޮބުވެތި ރައްޔިތުންނަށް ލުއިފަސޭހަވާނޭ ގޮތައް މާލެ ތަރުތީބު ކުރެއްވި ހަމައެކަނި ރައީސަކީ ރައީސް ޑރ @MMuizzu.… pic.twitter.com/6kDkkgZFMF
— Ibrahim Shujau (@IbrahimShujaau) May 30, 2026
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށާއި، ޓްރެފިކްގެ މައްސަލަތައް ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މި މަޝްރޫޢުތަކަކީ މާލޭގެ ތަރުތީބު ގެއްލިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް ސަރުކާރަށް ތާއީދުކުރާ މެންބަރުން ދަނީ ވިދާޅުވަމުންނެވެ.
މާލޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ތެރޭގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ޕާކިންގް މައްސަލައަށް ޙައްލު ހޯދުމުގެ މަސައްކަތްތައް ހިމެނެއެވެ.އެގޮތުން ބޮޑުތަކުރުފާނު މަގުގައި ބޭންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތީގައި 580 އުޅަނދުގެ ޖާގައިގެ ބޮޑު ޕާކިންގ ސަރަޙައްދެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފައެވެ.













