އިސްލާމީ ޢީދަކީ ހަމައެކަނި އުފާފާޅުކުރުމެއް ނޫން ކަމަށާއި، އެއީ މަތިވެރި މަޤްޞަދުތަކެއް އެކުލެވިގެންވާ އަދި ވަކި އަޚްލާޤީ މިންގަނޑުތަކެއް ހިފަހައްޓަންޖެހޭ މުޤައްދަސް ދުވަސްތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޒަމީރު ވިދާޅުވެއްޖެއެވެ.
މިހާރު ފާހަގަކުރަމުންދާ އަޟްޙާ ޢީދުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު ޒަމީރު ވަނީ ޢީދުގެ މައިގަނޑު މަޤްޞަދުތަކާއި ޢީދުގައި ހިފަހައްޓަންޖެހޭ އަޚްލާޤީ މިންގަނޑުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މެންބަރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި ޢީދުގެ އެންމެ މަތިވެރި އެއް މަޤްޞަދަކީ މާތް الله ދެއްވި ނިޢުމަތްތަކަށާއި، އަޅުކަންތައް ފުރިހަމަކުރުމުގެ ތައުފީޤު ދެއްވިކަމަށްޓަކައި އެކަލާނގެއަށް ޝުކުރުވެރިވުމެވެ. އަދި މިއީ މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އަޚުވަންތަކަމާއި އެއްބައިވަންތަކަން އާލާކޮށް، މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ މީހުންނަށް، ޚާއްޞަކޮށް ފަޤީރުންނަށް އުފާވެރިކަން ފޯރުކޮށްދޭންޖެހޭ ދުވަސްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޢީދުގެ ދުވަސްތަކަކީ الله ގެ މަތިން ހަނދުމަކޮށް، ތަކުބީރު ކިޔައި، އެކަލާނގެ ބޮޑުކަން ހާމަކުރާ ޒިކުރުގެ ދުވަސްތަކެއް ކަމުގައި ހެދުމަށްވެސް ޒަމީރު ބާރުއެޅުއްވިއެވެ.
އިސްލާމީ ޢީދަކީ ހަމައެކަނި އުފާފާޅުކުރުމެއް ނޫނެވެ. މިއީ މަތިވެރި މަޤްޞަދުތަކެއް އެކުލެވިގެންވާ، އަދި ވަކި އަޚްލާޤީ މިންގަނޑުތަކެއް ހިފަހައްޓަންޖެހޭ މުޤައްދަސް ދުވަސްތަކެކެވެ.
ޢީދުގެ މައިގަނޑު މަޤްޞަދުތައް
ޝުކުރުވެރިވުން: މާތް اللهް ދެއްވި ނިޢުމަތްތަކަށާއި، އަޅުކަންތައް…
— Xamyr (@AhmedXamyr) May 30, 2026
ޢީދު ފާހަގަކުރުމުގައި ހިފަހައްޓަންޖެހޭ އަޚްލާޤީ މިންގަނޑުތަކާ ގުޅޭގޮތުން މެންބަރު ވިދާޅުވީ، ޒާތީ ހަސަދަޔާއި ރުޅިވެރިކަން ދޫކޮށް އެކަކު އަނެކަކަށް މާފުކުރުމާއި، ރަޙިމުގެ ގުޅުން ބަދަހިކުރުމަށްޓަކައި އާއިލާގެ މީހުންނަށް ޒިޔާރަތްކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ހާލުގައި އުޅޭ މީހުންނަށް އެހީތެރިވެ، އޯގާތެރިކަން އިސްކުރުމާއެކު، އުފާފާޅުކުރުމުގައި އިސްލާމްދީން ޙަރާމްކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ، ދީނީ ޙައްދުތަކަށް އަމަލުކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
މެންބަރު ޒަމީރުގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ، އެކަކު އަނެކަކާ ބައްދަލުވުމުން ހިނިތުންވުމާއެކު ޢީދުގެ ތަހުނިޔާ ބަދަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ހުރިހާ ރައްޔިތުންނަށް ޢީދުގެ މުބާރަކުބާދީ ފޮނުއްވަމުންނެވެ.












