މަރުޙޫމް ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ސާބިތުވެ ހުކުމް ތަންފީޒުކުރުމަށް ޖަލުގައި ބަންދުކޮށްފައި ހުރި ހުސައިން ހުމާމަށް ލާއިންސާނީ އަނިޔާކުރަމުންދާ ކަމަށް ބުނެ ’އަދަދުގެ‘ ނޫސްވެރިޔާ ޝަހުޒާން ކުރި ތުހުމަތުތައް ކަރެކްޝަންސް އިން ދޮގުކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން ’އެކިއެމްވީ‘ އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސް އިން ބުނީ، ހުމާމަކީ 2012 ވަނަ އަހަރުން ފެށިގެން ޖަލުގައި ހުރި މީހެއް ކަމަށެވެ.
ހުމާމްގެ ހާލަތާ ބެހޭގޮތުން ކަރެކްޝަނުން ބުނީ އޭނާއަކީ ބައެއް ދުވަސްވަރު އުޅުން ރަނގަޅުވެފައި، އަނެއްބައި ދުވަސްވަރު އުޅުމަށް ބަދަލު އަންނަ މީހެއް ކަމަށެވެ. އެގޮތުން އަމިއްލަ ސާފުތާހިރުކަމަށް ކުޑަކޮށް ސަމާލުކަން ދެވޭ ދުވަސްވަރާއި، އެކަނި އުޅެން ބޭނުންވާ ވަގުތުތައް އަންނަކަން ފާހަގަކުރެއްވިއެވެ. އަދި އޭނާގެ ހާލަތު އެޗް.އާރް.ސީ.އެމް އާއި އިންސްޕެކްޓަރ އޮފް ކަރެކްޝަންސްގެ އިތުރުން އޭނާގެ ބައްޕަވެސް ޖަލަށް ޒިޔާރަތްކޮށް ގަވާއިދުން ބަލަމުންދާ ކަމަށް ކަރެކްޝަނުން ބުނެއެވެ.
މި ސަރުކާރުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ކަރެކްޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ޖަލުތަކުގެ ގިނަ ގޮޅިތަކެއް ހުރީ ކަރަންޓު ނެތި އަނދިރީގައި ކަމަށެވެ. ނަމަވެސް، 2025 ވަނަ އަހަރާ ހަމައަށް ހުރިހާ ގޮޅިއަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ދަށުން މިހާރު ހުރިހާ ގޮޅިއަކަށް ކަރަންޓު ދެވިފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ.
މިކަމާއި ގުޅިގެން ’އެކިއެމްވީ‘ އިން ސުވާލު ކުރުމުން ސީޕީ ޑރ. ޒަރީރު ވިދާޅުވީ މި ސަރުކާރުން އެއްވެސް ބާވަތެއްގެ އަނިޔާވެރިކަމަކަށް ނުވަތަ ގޯނާއަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. ޖަލުތަކުގައި ފާސްކުރުމަށް ބޭނުންކުރަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޒަމާނީ ވަސީލަތްތައް ކަމަށާއި، ކުރީގެ އަނިޔާވެރި އުސޫލުތައް މިހާރު ނޯންނާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
”ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް އިރުޝާދު ދެއްވަނީ ހިދުމަތްތައް ހަރުދަނާކުރުމަށް. އެމަނިކުފާނު ކަރެކްޝަންސްގެ އެއްވެސް މަސައްކަތަކަށް ނުފޫޒެއް ނުފޯރުއްވާ. ޖަލުތައް ހިންގަނީ މިނިވަންކަމާއެކު،“ ޑރ. ޒަރީރު ވިދާޅުވިއެވެ.
ކޮމިޝަނަރ އިތުރަށް ވިދާޅުވީ، ޖަލުތަކަކީ ނަފްސާނީ ބަލި މީހުން ބައިތިއްބާ މަރުކަޒަކަށް ނުވިޔަސް، ޖަލުތަކުގައި މީހުން ގިނަވުމުގެ މައްސަލަ ހައްލުކޮށް، ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ޖަލުތައް ބަލަހައްޓަމުންދާ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.












