ރިޔާސީ އިންތިޚާބުގައި ކުރިއަށް ދާންވީ ގޮތުގެ ޕްލޭން ފޮނުއްވީ ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ އޭރުގެ ލީޑަރު އަބްދުﷲ ޔާމީން ކަމަށާއި ޢަމަލުކުރީ އެއާ އެއްގޮތަށް ކަމަށް ސިޔާސީ މަސައްކަތް ކުރެއްވުން ރައީސް ޔާމީނަށް ބަންދުވުމާ ގުޅިގެން ޕީޕީއެމް-ޕީއެންސީ ކޯލިޝަން ހިންގެވުމާ އޭރު ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެ މެންބަރު އަޙުމަދު ޠާރިޤްގެ ކެމްޕޭނު ފެށުމަށް ހޮނިހިރު ދުވަހުގެ ރޭ މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވެފައި ވަނީ ރައީސް ޔާމީން ވިދާޅުވީ އޮޕްޝަނެއް ހޯއްދަވަން ކަމަށާއި ޕްލޭންތައް ފޮނުއްވެވީ އެމަނިކުފާނު ކަމަށެވެ.
”އޮޕްޝަނެއް ހޯދަން ވިދާޅުވީ. ޕްލޭން އޭ އާއި ބީ އާއި ސީ އާ އަޅުގަނޑުމެންނަށް ލިޔެފައި ފޮނުއްވީ އަޅުގަނޑުމެންގެ އޭރުގެ ލީޑަރު. އެ އާ އެއްގޮތަށް ޢަމަލު ކުރީ. ޚިޔާނާތްތެރިއެއް އަޅުގަނޑުމެން ނުވަން. ބޭވަފާތެރިއެއް ވެސް ނުވަން،“ – ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އެޑްވައިޒަރު ޢަބްދުއްރަޙީމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާ އެކު، އިންތިޚާބު ބޮއިކޮޓު ކުރުމަށް ރައީސް ޔާމީން އެންގެވި ނަމަވެސް އެކަން ކުރެވެން ނެތް ކަމަށާއި އެކަން ކުރުމަކީ ސަޕޯޓަރުން ވެސް ބޭނުންވި ގޮތް ނޫން ކަމަށެވެ. އެކަން އެގޮތަށް ކުރި ނަމަ މިއަދުވެސް ތިބެން ޖެހޭނީ މަގުމަތީގައިކަން ފާހަގަކޮށް އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބު ބޮއިކޮޓު ނުކޮށް، ރައީސް މުޢިއްޒާ އެކު ކުރިއަށް ދިއުމަށް މަޖުބޫރުވީ ޤައުމު މުހިންމު ވީމާ ކަމުގައެވެ.
”އެކަމަކު ޤައުމު މުހިންމު ވީމާ، އަޅުގަނޑުމެންނަށް މަޖުބޫރުވީ ބޮއިކޮޓު ނުކޮށް ޑރ. މުޢިއްޒާ އެކު ކުރިއަށް ދާން،“ – ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ
ޢަބްދުއްރަޙީމް ވިދާޅުވެފައި ވަނީ އެންމެ ފަހު ވަގުތާ ޖެހެންދެން އެ ބޭފުޅުން ތިއްބެވީ ކެންޑިޑޭޓަކު ނިންމަވައިގެން ކަމަށެވެ. އެހެންނަމަވެސް ސުޕްރީމު ކޯޓުން ނިންމީ ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭނެ ކަމަށް ކަމަށާއި އިންތިޚާބުގައި ވާދަކުރުމަށް ނިންމީ ދެވަނަ ގޮތެއް ހޯއްދަވަން އެމަނިކުފާނު އެންގެވުމުން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
”އެކަމަކު އަޅުގަނޑުމެންނަށް އެންމެ މުހިންމީ ދިވެހި ޤައުމު. ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ކަން ހިނގާ ދިޔަ ގޮތް ތިމަންނަމެންނަށް ޕޯޑިއަމް ލިބުނީމާ ކިޔައިދޭނަމޭ. ކަން ހިނގާ ދިޔަ ގޮތް އަޅުގަނޑަށް ވުރެ ރަނގަޅަށް ކިޔައިދެވޭނެ މީހަކު މި ރާއްޖޭގައި ނުހުންނާނެ،“ – ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ
ރައީސް ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުުރުން ލަސްކުރެއްވީ އެމަނިކުފާނުގެ އިސް ވަކީލް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ވެރިކަމަށް ދަހިވެތިކަން އޮތްވަރުން ކަމަށް ތުހުމަތު ކުރައްވާ ޢަބްދުއްރަޙީމް ވިދާޅުވެފައި ވަނީ އަދިވެސް އެމަނިކުފާނު ބަންދުގައި ހުންނެވީ ޖަމީލުގެ ހީލަތްތެރިކަމުގެ ސަބަބުން ކަމަށެވެ.
”ޙަޤީޤަތަކީ އެބޭފުޅުންގެ ނުބައި ނުލަފާ ރޭވުންތެރިކަމުގެ ދަށުން މިއަދު ވެސް އަޅުގަނޑުމެންގެ ކުރީގެ އިއްޒަތްތެރި ރައީސް ޢަބްދުﷲ ޔާމީން ބަންދުގައި ހުންނަން ޖެހިގެން އެ އުޅެނީ. ޑރ. ޖަމީލުގެ ހީލަތްތެރިކަމުގެ ސަބަބުން،“ – ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ
ޕީޕީއެމް-ޕީއެންސީ އަލުން މަގުމަތި ކުރަން މަސައްކަތް ކުރީ ފެށުނީއްސުރެ ވެރިކަމުގެ ދަހިވެތި ކަމުގައި އުޅުނު ބަޔަކު ކަން ފާހަގަކުރައްވާ ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި މިއަދު ރައީސް ޔާމީންގެ ވަށައިގެން އެ ތިއްބެވީ އެ ބޭފުޅުން ކަމުގައެވެ. ޕީޕީއެމްއަށް 2018 ވަނަ ބޭއްވި ރިޔާސީ އިންތިޚާބު ނާކާމިޔާބުވުމާ ގުޅިގެން އައި ފަސް އަހަރަކީ އުނދަގޫ ދުވަސްތަކެއް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެެވެ. އޭނާ ވިދާޅުވެފައި ވަނީ ވެރިކަމާ އެކު މަޖިލިސް ގެއްލުމުން ތިބެން ޖެހުނީ މަގުމަތިވެފައި ކަމަށާއި އޭރު އުޅުނީ ވަރަށް ދަތި ހާލުގައި ކަމަށެވެ.
”މަލާމާތަށް މީހުން ބުނީ ދެ ދޮރު ދޭތެރޭ މުޒާހަރާޔޭ. ހަތަރު މީހުން، ފަސް މީހުން ގޮވައިގެން މުޒާހަރާ ކުރީ. ކޮން ފަދަ ދަތި ހާލެއްގައިތޯ އަޅުގަނޑުމެން އުޅުނީ؟،“ – ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ
ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔަ ނުދޭން އެ ދަތިކަމުގެ ތެރޭގައި ބުރަ މަސައްކަތްތަކެއް އޭރު ދިޔައީ ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތުގެ ތެރެއިން އިތުރު ފަސް އަހަރު މަގުމައްޗަށް ދާން ޖެހިދާނެ ކަމުގެ ބިރު ހީވި ކިތަންމެ ފަހަރެއް އައި ކަމަށް ވެސް ޢަބްދުއްރަޙީމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.













