ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ގައުމުގެ ރައީސް ރާމްޗަންދްރަ ޕޯޑެލްއަށާއި ބޮޑު ވަޒީރު ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހްއަށް ތަހުނިޔާ އާއި މުބާރަކުބާދީ ފޮނުއްވައިފިއެވެ.
ނޭޕާލްގެ ރައީސް ރާމްޗަންދްރަ ޕޯޑެލްއަށް ފޮނުއްވި ސިޓީފުޅުގައި ރައީސް މުޢިއްޒު ވަނީ، ދެ ގައުމަށާއި ދެ ގައުމު ހިއްސާކުރާ ސަރަހައްދީ ފައިދާއަށްޓަކައި، ދެ ގައުމުގެ މެދުގައިވާ ޒަމާންވީ ގާތް ގުޅުމުގެ އަގުވަޒަންކުރައްވާކަން ފާހަގަކުރައްވައިފައެވެ. އަދި މި ގާތް ގުޅުންތައް އިތުރަށް ހަރުދަނާކުރެވި، ގުޅިގެން ކުރާ މަސައްކަތްތައް ފުޅާވެ، ފާގަތިކަން އިތުރުވާނޭކަމަށް ޔަގީންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ބޮޑު ވަޒީރު ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހްއަށް ފޮނުއްވި ސިޓީފުޅުގައި، ރައީސް މުޢިއްޒު މި މުނާސަބާ ސިފަކުރައްވާފައިވަނީ، ނޭޕާލްގެ ސާބިތުކަމާއި ވިލުންތެރިކަމުގެ ރޫހުގެ ހެއްކެއްގެ ގޮތުގައެވެ. މި އަހަރުގެ ކުރީކޮޅު ބޭއްވި އިންތިހާބު ތަނަވަސް އަގުލަބިއްޔަތަކުން ކާމިޔާބުކުރައްވައި މަގާމާ ހަވާލުވެވަޑައިގަތީއްސުރެ، ބޮޑު ވަޒީރު ޝާހްގެ މޭސްތިރިކަމުގައި، ފާގަތިކަން އިތުރުކުރުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށް ނޭޕާލުން ހޯދަމުންދާ ކުރިއެރުންތައް ފެނުމަކީ އުފާކުރައްވާ ކަމެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމުގެ މައްޗަށް ބިނާވެފައިވާ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައިވާ ގުޅުންތައް އިތުރަށް ގާތްވެ، އޭގެ މަންފާ ދެ ގައުމަށް ވެސް ލިބިގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މީގެ އިތުރުން ނޭޕާލްގެ ރައީސާއި ބޮޑު ވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށާއި އުފާފާގަތި ކަމަށް އެދިވަޑައިގެން، އެ ގައުމަށް ކުރިއެރުމާއި ފާގަތި ކަމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
ދުވަހާ ގުޅިގެން ރައީސް މުޢިއްޒުގެ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، ނޭޕާލުގެ ޖުމްހޫރީ ދުވަހުން ރަމްޒުކޮށްދެނީ ކުރިއަރަމުންދާ ގައުމެއް ބިނާކުރުމަށް ނޭޕާލުގެ ރައްޔިތުން ކޮށްފައިވާ ގިނަގުނަ މަސައްކަތްތަކާއި، އެ ގައުމުގެ އަމިއްލަވަންތަކަމާއި މުއްސަނދި ސަގާފަތަށް ދެވޭ ފުރިހަމަ ގަދަރާއި އިހްތިރާމް ކަމަށެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 28 ވަނަ ދުވަސް ނޭޕާލުގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 2008 ވަނަ އަހަރު، އެ ގައުމު ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކަކަށް ބަދަލުވި ތާރީހީ މުނާސަބަތާ ގުޅުވައިގެންނެވެ.












