ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ އިތުރު 2 ބެޗެއް މިއަހަރުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިވަނީ އިޢުލާން ކުރައްވާފައެވެ.
”ނޭޝަން ޗެޓް“ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކޮންމެ އަހަރަކުވެސް މަދުވެގެން 900 އާއި 1000 އާ ދެމެދުގެ އަދަދަކަށް ޒުވާނުން މި ޕްރޮގްރާމްގެ ތެރެއިން ތަމްރީނުކުރުން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ޤައުމެއްގެ ތަރައްޤީގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ އެޤައުމެއްގެ އިންސާނީ ވަޞީލަތްކަން ފާހަގަކުރެއްވިއެވެ. އަދި މުސްތަޤުބަލުގައި ރާއްޖޭގެ ކަންކަމާ ހަވާލުވާން ތިބި ޒުވާނުންނަކީ ހަރުދަނާ، އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތާ، އަދި ޤައުމު ދެކެ ލޯބިވާ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުމަކީ މިއަދު ނުހަނު ބޭނުންތެރި ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާތަނަށް ހިންގުނު ބެޗްތަކުގެ ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިހާތަނަށް 600 އަށްވުރެ ގިނަ ޒުވާނުން މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ފުރަތަމަ ބެޗްގެ 300 ކުދިންގެ ތެރެއިން ގިނަ ކުދިން މިހާރު ތިބީ ވަޒީފާގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ޕްރައިވެޓް ސެކްޓަރއަށް ޝައުގުވެރިވާ ކުދިން ފިޔަވައި، ގިނަ ޒުވާނުން ސިފައިންގެ އަދި ފުލުހުންގެ ޚިދުމަތާ ގުޅެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.
”މިހާ ހިސާބުން ނިންމާލަނީއެއް ނޫން އަޅުގަނޑުމެން. މިއަހަރު އަދި އިތުރު 2 ބެޗް ތަމްރީނު ކުރާނެ. ޓާގެޓަކީ 900 ނުވަތަ 1000 ކުދިން ތަމްރީންކުރުން އަހަރެއްގެ ތެރޭގައި،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމަށް ދިފާޢީ ވުޒާރާއާ ގުޅިގެން މަސައްކަތްކުރާ ހުރިހާ މުއައްސަސާތަކަށާއި، ބެލެނިވެރިންނާއި ދަރިވަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޕްރޮގްރާމްގެ ބައިވެރިން ބުނާ ގޮތުގައި މި ތަމްރީނުތަކުގެ ސަބަބުން އެކުދިންގެ ދިރިއުޅުމަށް ވަނީ ބޮޑެތި ހެޔޮ ބަދަލުތަކެއް އައިސްފައެވެ. ވަގުތަށް ކަމޭހިތުމާއި، މީހުންނަށް އިޙުތިރާމްކުރުމާއި، ނަމާދަށް ދޭ ސަމާލުކަން އިތުރުވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެފައިވާކަން ބައިވެރިން ފާހަގަކުރެއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު 1 ގައި އިފްތިތާޙްކުރި މި ޕްރޮގްރާމަކީ ޒުވާނުންގެ ކިބައިގައި ދީނީ އާދަތަކާއި، ސާފުތާހިރުކަމާއި، ޒިންމާދާރުކަން އަށަގެންނެވުމަށް ހިންގާ މުހިއްމު މަޝްރޫޢެކެވެ. މި ޕްރޮގްރާމް ނިންމާ ކުދިންނަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.












