އަޟްޙާ ޢީދަކީ މުޅި އިސްލާމީ އުއްމަތް އެއް ސަފަކަށް ތަރުތީބު ކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މި މޭރުމުން ވިދާޅުވީ، އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ. އެމަނިކުފާނު ވިދާޅުވީ، އަޟްޙާ ޢީދަކީ، މާތްﷲ ވަރަށް މުހިއްމު އިބްރަތްތަކެއް އަދި ހިކުމަތްތަކެއް އެކަމުގައި ލައްވައިފައިވާ ޢީދެއް ކަމަށެވެ. އެގޮތުން އަޟްޙާ ޢީދަކީ، މުޅި އިސްލާމީ އުއްމަތް އެއް ސަފަކަށް ތަރުތީބު ކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މާތްވެގެންވާ ޢަރަފާތު ބިމުގެ ހަމަހަމަކަމުން ފެށިގެން، ކޮންމެ ދިމާއަކަށް ވެސް ފެތުރިގެންދާ މި އުފާވެރިކަމަކީ، އިންސާނީ ކުލުނުގެ އެންމެ އަލިގަދަ އެއް ރަމްޒު. އުޟްޙިޔާ ކަތިލުމާއި، އެކިއެކި ހަދިޔާ ބަދިޔާ ބަދަލުކޮށް، ތަނަވަސްކަމުގެ އަހުލުވެރިން ނިކަމެތި ފަގީރުންނަށް އެކި ގޮތްގޮތުން އެހީތެރިވެދީ ހެދުމަކީ، މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ، އެކުވެރި ބަދަހި ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ ހިތްވަރު އާވެގެންދާ ކަންކަން. ހަމައެއާއެކު، މިއީ، މައާފުކުރުމުގެ ފިނި ރޯޅިން އަޅުގަނޑުމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން. މައިންބަފައިންނާއި ގާތް ތިމާގެ މީހުންނާއެކުގައި އާއިލީ ލޯބި އާލާކުރުމަށް އޮތް އެންމެ ފަހި އެއް ފޯވަހި،“ – ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ޒުވާން ޖީލަށް ރިވެތި އަހުލާގީ ސިފަތައް ދަސްކޮށްދީ، މުޖުތަމައުގެ ނިކަމެތިންނާއި އެކަނިވެރިންގެ ހިނިތުންވުމަކީ، ތިމާގެ ވެސް އުފާކަމުގައި ދުށުމަށް މި ޢީދުން ދަސްކޮށްދޭކަން ހަނދާން ކުރަންޖެހޭ ކަމަށެވެ. އަދި މި ޢީދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކަމުގެ މާތް ގުޅުމަކީ، މުޅި ގައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއްކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ޢީދުގެ ހަގީގީ ޖައުހަރަކީ، ތަގުވާވެރިކަމުގެ ސާފު ފޭރާމުން ނަފްސު ޒީނަތްތެރިކޮށް، ދީނާއި ހައްގުގެ މަގު އިސްކުރުމުގެ އަޒުމް އާކުރުން ކަމަށެވެ.
ކަން މިހެން އޮތުމުން ޢީދުގެ އެކިއެކި ކުޅިވަރުތައް ކުޅެ އުފާ ފާޅުކުރަމުންދާއިރު، އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓަވައި، ދިވެހިންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުހެލިވުމަށް ރައީސް ވަނީ ނަސޭހަތްތެރިވެފައެވެ.
ރައީސް ވަނީ މި ޢީދަކީ، އަމާންކަމާއި، ބާއްޖަވެރިކަމުން ފުރިގެންވާ މުނާސަބަތެއް ކަމުގައި ލެއްވުމަށާއި މި ދުވަސްތައް، އުފާވެރިކަމާއި ބާއްޖަވެރިކަމާއެކު އަބަދު ވެސް މި ދީބުގައި ތަކުރާރުވަމުން ދިޔުމަށް އެދިވަޑައިގެން ދުއާކުރައްވައިފައެވެ. މީގެ އިތުރުން މި ގައުމާއި، އަދި މުޅި އިސްލާމީ އުއްމަތް، ސަލާމަތާއި ރައްކާތެރިކަމުގައި އަބަދުމެ ލެހެއްޓެވުމަށް އެދި އެމަނިކުފާނު ވަނީ ދުއާކުރައްވައިފައެވެ.













