ދައުލަތުގެ ތިން ބާރުގެ އިސްވެރިން ފިޔަވައި، އެންމެ ބޮޑު މުސާރައެއް ލިބުން ހައްގީ ނަރުހުންނާއި މުދައްރިސުންނަށް ކަމަށް ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެއެވެ.
ރާޝިދާ މި މޭރުމުން ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ ނޭޝަނަލް ޕޭ ކޮމިޝަނުން ބޮޑުކުރުމާ ގުޅިގެން މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރާޝިދާ ވިދާޅުވީ، ރާއްޖޭގައި އެންމެ ގިނަ ވަގުތު، އެންމެ ބުރަ އަދި އެހާމެ ޒިންމާދާރު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބަޔަކީ ނަރުހުންނާއި މުދައްރިސުން ކަމަށެވެ.
ރާޝިދާ ވިދާޅުވި ގޮތުގައި، ނަރުހުންނާއި މުދައްރިސުންނަކީ އިންސާނުންގެ ފުރާނައާ ސީދާ ގުޅިފައިވާ، ނުހަނު ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތްތަކެއް ކަމަށާއި އެފަދަ މުހިންމު ހިދުމަތްތަކެއް ދޭ ފަރާތްތަކަށް ޝުކުރުގެ ބަހެއް މަދު ފަހަރަކު ނޫނީ ނުވެސް ލިބޭ ކަމަށެވެ. މީގެ ތެރެއިން ވެސް މުދައްރިސުންނަކީ ތަފާތު އެތައް މަސްއޫލިއްޔަތެއް ބޮލުގައި އަޅަންޖެހިފައިވާ ބައެއް ކަމަށް ރާޝިދާ ވިދާޅުވިއެވެ.
”ޓީޗަރުންނަކީ ތަފާތު އެތައް މަސްއޫލިއްޔަތުތަކެއް ބޮލުގައި އަޅަންޖެހިފައިވާ ބައެއް. މިއަށްވުރެ ބޮޑު މުސާރައެއް ލިބޭ ބަޔަކު (ދައުލަތުގެ ތިން ބާރުގެ އިސްވެރިން ފިޔަވައި) މި ގައުމުގައި ތިބެގެން ނުވާނެ،“ – ރާޝިދާ ލިޔުއްވާފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންނަށް 41,000 ރުފިޔާ އަދި ރަށްރަށުގެ ކޮމިޓީތަކުގެ ރައީސުންނަށް 21,000 ރުފިޔާ ދިނުމަށް ނިންމުމަށްފަހު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ފިނޭންސް މިނިސްޓްރީން މިހާރު ވަނީ ސިޓީތަކުގެ ރައީސުންނަށް 20،000 ރުފިޔާ އަދި ރަށްރަށުގެ ރައީސުންނަށް 15،000 ރުފިޔާ ދިނުމަށް ކަނޑައަޅައިފައެވެ.
މާސްޓާސް ލެވެލްއަށް ކިޔަވާފައިވާ މުދައްރިސަކަށް މަހު މުސާރައިގެ ގޮތުގައި އެންމެ ގިނަވެގެން ލިބެނީ 20،000 ރުފިޔާއެވެ. ނަމަވެސް ތައުލީމީ ފެންވަރަށް ބެލުމެއްނެތި އިންތިހާބުކުރެވޭ މިފަދަ މެންބަރުންނަށް މުދައްރިސުންނަށް ވުރެ އިތުރަށް މުސާރަ ލިބޭތީ ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލައިފައެވެ.












