ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން، އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ އާންމުކޮށް ފެންނަ މިންވަރަށް ވުރެ އިތުރުވަމުންދާތީ އާއި، މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވާތީ ބަލިތަކުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އިލްތިމާސްކޮށްފިއެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތީ އީދު ބަންދު ދުވަސްވަރު ކަމަށްވެފައި، ރާއްޖޭން ބޭރަށާއި އަތޮޅުތަކަށް ދަތުރުފަތުރުކުރުން އިތުރުވާނެތީ އާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން އިތުރުވާނެތީ ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން ބަލިތަކުން ރައްކާތެރިވުމަށް ދުރާލައި ފިޔަވަޅުތައް އެޅުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.
ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:
ބަލީގެ އަލާމާތްތައް ފެނުން: ހުން އައުން ނުވަތަ ނޭވާލާ ނިޒާމުގެ ބަލީގެ އަލާމާތެއް ފެންނަނަމަ ގޭގައި މަޑުކުރުމާއި، އާންމު އެއްވުންތަކުގައި ބައިވެރިނުވުމަށް އެޗް.ޕީ.އޭ އިން ވަނީ ނަސޭހަތްތެރިވެފައެވެ.
ސިއްޙީ ފަރުވާ: ބަލިޖެހި ހާލަތު ގޯސްވާނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ. އަދި ޑޮކްޓަރަށް ދައްކަން ދާއިރު މާސްކު އެޅުމާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.
ހިމަބިހިން ރައްކާތެރިވުން: ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި، ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމަށް އެޗް.ޕީ.އޭ އިން ބާރުއަޅައެވެ.
މާސްކު އެޅުން: އެއާޕޯޓް ޓާމިނަލް، ފެރީ ލައުންޖް ފަދަ މީހުން ގިނަ ބަންދު ތަންތަނުގައި އުޅޭއިރު އަނގައާއި ނޭފަތް ނިވާވާނެހެން މާސްކު އެޅުމަކީ ބަލިތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން ސައިބޯނި ލައިގެން އަތް ދޮވުން ނުވަތަ ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުތާހިރުކޮށް ބެހެއްޓުމަށް ވެސް ވަނީ އެދިފައެވެ.
މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުން:
ޑެންގީ ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ސަލާމަތްވުމަށްޓަކައި، މަދިރި ހެފުމުން ރައްކާތެރިވުމަށް ’އައި.އާރު 3535‘ ނުވަތަ ’އިކަރިޑިން‘ އެކުލެވޭ މަދިރި ލޯޝަން ބޭނުންކުރުމަށް އެޗް.ޕީ.އޭ އިން އިރުޝާދުދެއެވެ. މީގެ އިތުރުން ހަށިގަނޑު ބޮޑަށް ނިވާވާނެހެން ހެދުން އެޅުމާއި، ގޭގެ ދޮރުތަކުގައި ދާ ޖެހުމުގެ އިތުރުން ގޭތެރެއާއި ގޯތިތެރޭގައި މަދިރި އުފެދޭ ގޮތަށް ހުންނަ ފެން ހަރުލާ ތަންތަން ނައްތާލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އާންމު ސިއްޙަތާ ގުޅުންހުރި މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތަކުން ހިއްސާކުރާ މައުލޫމާތަށް ބަރޯސާވުމަށް އެޗް.ޕީ.އޭ އިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.












