މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމުގައި ޕޮލިސް ޕޯސްޓު ގާއިމުކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފުރިހަމަ ކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ އަނގޮޅިތީމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު އާދިއްތަ ދުވަހު ރ. އުނގޫފާރު ކައުންސިލުގެ އިދާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތް އަވަސް ކުރުމާއި ޓީޖެޓީއެއް އަދި މޫދަށް އެރޭނެ ސަރަޙައްދެއް ތަރައްޤީ ކުރުމާ އަދި ހެލްތު ސެންޓަރުގެ ޚިދުމަތް 18 ގަޑިއިރަށް އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން އޭޓީއެމްގެ ޚިދުމަތާއި ހޭންޑްބޯލް ކޯޓާއި ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވާ ކަންކަން ކައުންސިލުގެ މެންބަރުން ހިއްސާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމިޓީން ވަނީ އެ ކޮމިޓީގެ މަސައްކަތްތައް ކުރުމަށް ލިބޭ ބަޖެޓު ކުޑަކަން ފާހަގަކުރައްވާފައެވެ.
ރައީސް ވަނީ އަނގޮޅިތީމު ކައުންސިލާއި އ.ތ.މ ކޮމިޓީން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.














