ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއި މެންބަރުންގެ މުސާރައިގެ އޮނިގަނޑަށް އަނެއްކާ ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، މިއީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މުސާރަ މުރާޖައާކުރުމަށް އެދި ޕޭ ކޮމިޝަނަށް އެންމެ ފުރަތަމަ ހުށަހެޅި އަދަދުތައް ކަމަށެވެ. އަދި މިއީ މިދިޔަ ދެ ދުވަހެއްގެ ތެރޭގައި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައި ތިންވަނަ ފަހަރު ކަމަށާއި، މިއީ އެންމެފަހުގެ ނިންމުން ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މުސާރައަށް ގެނެވުނު މި ބަދަލާއެކު، ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންނަށް މަހެއްގެ މައްޗަށް 20،000 ރުފިޔާ ލިބޭއިރު، ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންނަށް ލިބޭނީ މަހެއްގެ މައްޗަށް 15،000 ރުފިޔާއެވެ. މީގެ ކުރިން ސަރުކާރުން ނިންމާފައި އޮތީ ސިޓީތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި 41،500 ރުފިޔާ ދިނުމަށެވެ. ނަމަވެސް އެ އަދަދު ބޮޑުވުމުގެ ސަބަބުން އާންމުންގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން އެ އަދަދު މިހާރު ވަނީ 20،000 ރުފިޔާއަށް ކުޑަކޮށްކޮށްފައެވެ.
މުސާރަ މުރާޖައާ ކުރުމަށްފަހު ގެނައި ބަދަލުތަކަށް ބަލައިލާއިރު ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ނައިބު ރައީސުންނަށް މުސާރައިގެ ގޮތުގައި 7،000 ރުފިޔާ އަދި މެންބަރުންނަށް 6،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރުން ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ނައިބު ރައީސުންނަށް މުސާރައިގެ ގޮތުގައި 6،000 ރުފިޔާ އަދި މެންބަރުންނަށް 5،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.
މީގެ އިތުރުން، އަންހެނުންގެ ކޮމިޓީތަކުގެ ނައިބު ރައީސުންނާއި މެންބަރުންނަށް ލިބޭ ޖުމުލަ މުސާރަ ބިނާވެފައިވަނީ ހާޒިރުވާ ކޮންމެ ބައްދަލުވުމެއްގެ އަދަދަށެވެ. އެގޮތުން ހާޒިރުވާ ކޮންމެ ބައްދަލުވުމަކަށް ސީޓިން އެލަވަންސްގެ ގޮތުގައި 500 ރުފިޔާ ލިބޭނެއެވެ. ނަމަވެސް، މި އެލަވަންސްގެ ގޮތުގައި މަހެއްގެ މައްޗަށް އެންމެ ގިނަވެގެން ދެވޭނީ 2،000 ރުފިޔާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.












