ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުގެ ހޮހަޅައަކަށް ފީނި އިޓަލީގެ ފަސް ފަތުރުވެރިއަކު މަރުވި ހާދިސާގައި، އެމީހުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތުގައި ބައިވެރިވި ފިންލެންޑްގެ ”ޑޭން ޔޫރަޕް“ އިން އެއްކުރި މައުލޫމާތާއި ހެކިތައް ދިވެހި ފުލުހުންނާ ހަވާލުކޮށްފިއެވެ.
ޑޭން ޔޫރަޕުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަރުވި ޑައިވަރުންގެ ހަށިގަނޑުތައް ހޯދައި ނެގުމަށްފަހު އެ ގްރޫޕުން އިއްޔެ ކުރި ޑައިވްގެ މައިގަނޑު ބޭނުމަކީ ހޮހަޅައިގެ ތެރޭގައި ހުރި ތަކެތި ސާފުކުރުމެވެ. މިގޮތުން، ރިކަވަރީ ފޭސްގައި ބޭނުންކުރި ވަގުތީ ގައިޑްލައިންތަކާއި، އޮޕަރޭޝަނަލް ރިފަރެންސްތަކާއި، އެހެނިހެން ސާމާނުތައް ނެގުމުގެ އިތުރުން، ތަހުގީގަށް ބޭނުންވެދާނެ އިތުރު ހެކިތަކެއް ހުރިތޯ ބަލައި އެތަކެތި ހޯދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މިއީ މިފަދަ އޮޕަރޭޝަންތަކުގައި އާންމުކޮށް އަމަލުކުރާ ބެސްޓް ޕްރެކްޓިސްގެ ދަށުން، ކަނޑުގެ މާހައުލަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި، އޮޕަރޭޝަންގެ އެއްވެސް ނިޝާނެއް ނުބަހައްޓައި ސާފުކުރުމުގެ ގޮތުން ކުރި މަސައްކަތެއް ކަމަށް ޑޭން އިން ބުންޏެވެ. ”ކަނޑުއަޑިން މައްޗަށް ނެގި ހުރިހާ އެއްޗެއް މިހާރު ވަނީ ތަހުގީގަށް ދިވެހި ފުލުހުންނާ ހަވާލުކޮށްފައި،“ އެ ބަޔާނުގައި ބުނެފައިވެއެވެ.
މި ޑައިވިން އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ ޓެކްނިކަލް އަދި ކޭވް ޑައިވިންގެ ހަރުދަނާ އުސޫލުތަކުގެ މަތިންނެވެ. ޓީމުގެ ކޮންމެ މެންބަރަކަށް ވެސް ރިކަވަރީ އާއި ސޭފްޓީ ސަޕޯޓް އަދި ޑޮކިއުމެންޓޭޝަންގެ ރޯލުތައް ސާފުކޮށް ހަވާލުކޮށްފައިވާއިރު، ފުން ހޮހަޅަތަކުގައި ރައްކާތެރިކަމާ އެކު ގިނަ ވަގުތު ހޭދަކުރުމަށްޓަކައި ކްލޯސްޑް-ސާކިޓް ރީބްރީދާސް އާއި، ޑީޕީވީސްގެ އިތުރުން ރިޑަންޑަންޓް ސިސްޓަމްތައް ބޭނުންކޮށްފައިވާ ކަމަށް އެ ނެޓްވޯކުން ފާހަގަކުރިއެވެ.
އިޓަލީގެ ފަސް ފަތުރުވެރިން މަރުވި މި ހިތާމަވެރި ހާދިސާގެ ތަހުގީގު ދިވެހި ފުލުހުން މިހާރު ދަނީ އިތުރަށް ކުރިއަށް ގެންދަމުންނެވެ.














