ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބިފަހުން ހަބަރެއް ނުވެގެން ހޯދަމުންދިޔަ ފަޅުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދިޔައީ ދިވެހި ފިރިހެނެކެވެ. އެ މީހާ ގެއްލުނީ، ރޭ އިރުއޮއްސި 18:30 އެހާއިރު ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ފަހުން ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްއިން މިއަދު ބުނެފައިވަނީ، އެ މީހާ މިހާރު ފެނިފައިވާ ކަމަށާއި، ފެނުނީ ސީ ޕްލޭން ޓާމިނަލްގެ ފަޅުތެރެއިން ކަމަށެވެ. ނަމަވެސް އޭނާގެ ހާލަތާ ގުޅޭގޮތުން ވަކި އެއްޗެއް އެމްއެންޑީއެފްއިން ބުނެފައެއް ނުވެއެވެ. ނަމަވެސް އެ މީހާ ފެނުނު އިރު ވެސް އޮތީ މަރުވެފައިކަން ”އެކި އެމްވީ“ އަށް ވަނީ އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައެވެ.
މި އޮޕަރޭޝަންގައި އެމްއެންޑީއެފްއާއި ފުލުހުންގެ އިތުރުން އެއަރޕޯޓްގެ ރެސްކިޔު ޓީމުތަކުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.













