Sunday, 26 July 2026

Ads by

ޙައްޖު މަހުގެ ޙުރުމަތާއި މިއަދުގެ ސިޔާސީ ސަގާފަތް

ޒުލްޙިއްޖާ މަހަކީ މާތް اللهُ އިސްލާމްދީނުގައި ލެއްވި އެންމެ ޙުރުމަތްތެރި، އަދި އެންމެ މާތް ދުވަސްތައް ހިމެނޭ މަހެވެ. ޚާއްޞަކޮށް މި މަހުގެ ފުރަތަމަ 9 ދުވަހަކީ އަޅުކަމާއި، ތަކުބީރު ކިޔުމާއި، ހެޔޮ އަމަލުތައް ގިނަކުރުން ސުންނަތްކަން ގަދަވެގެންވާ ދުވަސްތަކެކެވެ. ކީރިތި ރަސޫލާ މުޙައްމަދު ﷺ އެކަލޭގެފާނުގެ ޙައްޖަތުލްވަދާއުގެ ޚުޠުބާގައި، މިފަދަ ޙުރުމަތްތެރި މަހެއްގެ، ޙުރުމަތްތެރި ދުވަހެއްގެ، ޙުރުމަތްތެރި ރަށެއްގެ މާތްކަން ބަޔާންކުރައްވަމުން ހަނދާންކޮށްދެއްވީ މުސްލިމުންގެ ލެޔާއި، މުދަލާއި، އަބުރަކީ ވެސް އެފަދައިން ޙުރުމަތްތެރިވެގެންވާ އެއްޗެއް ކަމެވެ.

ނަމަވެސް، މިއަދު ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙުން ފެންނަމުންދަނީ މިއާ މުޅިން ދިމާ އިދިކޮޅު މަންޒަރެކެވެ. ޚިޔާލު ފާޅުކުރުމާއި، ސިޔާސީ ޙަރަކާތްތަކުގެ ނަމުގައި ބާއްވާ މުޒާހަރާތަކާއި ޖަލްސާތަކުން އިވެމުންދަނީ ހަޑިހުތުރު ބަސްތަކާއި، ފުރައްސާރައާއި، ދެބައުޑުވުމުގެ ފިތުނަވެރި ހަރަކާތްތަކެވެ. މާތްވެގެންވާ މި މައްސަރުގެ ޙުރުމަތް ކެނޑޭފަދަ ގޮތަކަށް، ރެޔާއި ދުވާލު އަނެކުންގެ އަގުވައްޓާލުމާއި، އަބުރު ކަތިލުމަކީ މިއަދު އާދައިގެ ކަމަކަށް ވެއްޖެއެވެ.

އަބުރަށް އަރައިގަތުމުގެ ނުރައްކާތެރިކަން

އިސްލާމްދީނަކީ އިންސާނާގެ ކަރާމާތާއި އަބުރު ރައްކާތެރިކުރުމަށް އޭގެ ޙަޤީޤީ މާނައިގައި ބާރުއަޅާ ހަމައެކަނި ދީނެވެ. މީހެއްގެ އަބުރަށް އަރައިގަނެ، ހަޑިހުތުރު އެއްޗެހި ގޮވުމަކީ ހަމައެކަނި އަޚްލާޤީ މައްސަލައެއް ނޫނެވެ. އެއީ އާޚިރަތް ދުވަހުން ބޮޑުވެގެންވާ ޢަޛާބު ހުރި، އަދި ތައުބާވުމަށްޓަކައި އަނިޔާ ލިބުނު މީހެއްގެ ކިބައިން މާފަށް އެދެންޖެހޭ ފަދަ ”މުފްލިސުން“ (ބަނގުރޫޓުވާ މީހުން) ގެ ސިފައެކެވެ.

ޙައްޖު މަހުގެ މި ބަރަކާތްތެރި ދުވަސްތަކުގައި ދުލާއި ނަފްސު ހެޔޮކަންކަމުގައި މަޝްޣޫލުކުރުމުގެ ބަދަލުގައި، ސިޔާސީ ޕޯޑިއަމްތަކާއި އެއްވުންތަކުގައި ތިމާ ފަދަ މުސްލިމް އަޚުންނާއި އުޚުތުންގެ އަބުރު ކަތިލުމަކީ ދީނީ ގޮތުން ވިޔަސް، އިޖުތިމާޢީ ގޮތުން ވިޔަސް އަދި ދުނިޔެވީ ގޮތުން ބަލާއިރު ވެސް ބިރުވެރި ކުރައްކާތެރި ކަމެކެވެ. ޙައްޖަތުލްވަދާއުގެ ޚުޠުބާގައި އިތުރު އެކަލޭގެފާނު ބަޔާންކޮށްދެއްވި ކަންކަން މިއަދު އަޅުގަނޑުމެންގެ ސިޔާސީ ވެރިންނާއި އެކްޓިވިސްޓުން ހަނދާން ނެތުނީ ބާވައެވެ؟

މާތް ނަބިއްޔާ ﷺ ގެ ޙަދީޘްގައި އައިސްފައިވެއެވެ.

”’ހަމަކަށަވަރުން، ތިޔަބައިމީހުންގެ މި ދުވަހާއި، ތިޔަބައިމީހުންގެ މި މަހާއި، ތިޔަބައިމީހުންގެ މި ރަށުގެ ޙުރުމަތްތެރި ވެގެންވާ ފަދައިން، ތިޔަބައިމީހުންގެ ލެޔާއި، މުދަލާއި، އަބުރާއި، ހަށިގަނޑުތަކަކީ (އެއްބަޔަކު އަނެއްބައެއްގެ މައްޗަށް) ޙަރާމްވެގެންވާ ތަކެއްޗެވެ. ދަންނާށެވެ! ފަހެ، ތިމަންކަލޭގެފާނު މިކަންކަން ތިޔަބައިމީހުންނަށް ފޯރުކޮށްދެއްވައިފިން ހެއްޔެވެ؟‘ ޞަޙާބީން ދެންނެވީއެވެ: ’އާދެއެވެ.‘ އެކަލޭގެފާނު  ޙަދީޘް ކުރެއްވިއެވެ: ’ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިކަމަށް ހެކިވެވޮޑިގެންވާށެވެ! ފަހެ، މިތާނގައި ހާޒިރުވެ ހުރި މީހާ، ހާޒިރުނުވާ މީހާއަށް މި ވާހަކަ ފޯރުކޮށްދޭށެވެ. އެއީ، މި ވާހަކަ ރައްދުކުރެވޭ ބައެއް މީހުންނަކީ، އެ ވާހަކަ ސީދާ އަޑުއަހާ މީހާއަށް ވުރެ ބޮޑަށް އޭގެ ޙަޤީޤަތް މާ ރަނގަޅަށް ދޭހަވާ ބަޔަކު ކަމުގައި ވެދާނެތީއެވެ.'“ (ޞަޙީޙް ބުޚާރީ)

މުޖުތަމައުގެ ފޭރާން ވީދުން

ސިޔާސީ ވާދަވެރިކަމަކީ ކޮންމެ ދިމިޤްރާޠީ މުޖުތަމައެއްގައިވެސް އޮންނާނެ ކަމެކެވެ. ނަމަވެސް، އެ ވާދަވެރިކަން ހަޑިހުތުރު ބަސްމަގަކަށް ބަދަލުވެ، ފާޅުގައި ފުރައްސާރަކުރުމަށް މަގުފަހިވުމުން މުޅި މުޖުތަމައުގެ އަޚްލާޤީ ފޭރާން ވީދިގެންދެއެވެ.

މިއަދު ބައެއް ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާއިން ކުޑަކުދިންނަށް މި ފެންނަނީ ކޮންފަދަ ނަމޫނާއެއް ހެއްޔެވެ؟ ޤައުމުގެ ބޮޑެތި މީހުން، ސިޔާސީ ލީޑަރުން، އަދި އިދިކޮޅު ފަރާތްތަކުން (އަދި އެއީ ކޮންމެ ފިކުރެއްގެ މީހަކު ކަމުގައިވިޔަސް) އެއްވެސް ޖެހިލުމެއްނެތި އަނގައިން ލެއްވިހައި ހަޑިހުތުރު އެއްޗެހި ގޮވާއިރު، އެއީ އާދައިގެ ކަމެއްގެ ގޮތުގައި މުޖުތަމައު ބަލައިގަންނަން ފެށުމަކީ އިޖުތިމާޢީ ބޮޑު ކާރިސާއެކެވެ. މިއީ ދިވެހިންގެ ތެރޭގައި އޮތް އަވަށްޓެރިކަމާއި، އާއިލީ ގުޅުންތަކާއި، މުޖުތަމައުގެ ސުލްހަމަސްލަހަތު ނަގައިލާ ކަމެކެވެ.

ސިޔާސީ ގޮތުން ވާހަކަ ދެއްކުމަކީ އެހެން ޤައުމުތަކުގައި ވެސް ކުރާ ކަމެކެވެ. ނަމަވެސް، އަނެކާގެ ޒާތީ ކަންކަމަށް އަރައިގަނެ، ހަދަހަދައިގެން ވާހަކަ ފަތުރައި، މީހުންގެ ބޮލުގައި ވަގު ބަދުނާމު އަޅުވާއިރު ވެސް އެއިން އެއްވެސް ކަމަކަށް އެއްވެސް ކަހަލަ އަދަބެއް މި ރާއްޖޭގައި ނުލިބުނަސް، އެފަދަ ކަންކަމަކީ ބޭރުގެ އެހެން ޤައުމުތަކުގައި ބޮޑެތި ޢަދަދުން ޖޫރިމަކާކޮށް، ހުއްދަތައް ބާޠިލު ކުރެވި، ބޮޑެތި އަދަބުތައް ލިބޭ ކަންކަމެވެ.

އަދި އެ ކަންކަމަކީ ޤިޔާމަތް ދުވަހުން، އަނެކާގެ ކިބައިން މާފަށް ވެސް އެދެން ޖެހޭނެ ކަމަކެވެ. އަނެކާ މާފު ނުކޮށްފި ނަމަ، އެކަމުގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނީ ހަމަ ތިމާއެވެ.

ދީނީ އިލްމުވެރިންގެ ދައުރާއި މުޖުތަމައުގެ އުންމީދު

މި ހުރިހާ ކަމެއް މިހެން ހުރިއިރު، އާންމުންގެ ތެރޭގައި އުފެދޭ އެންމެ ބޮޑު ސުވާލަކީ: ”މި ޤައުމުގެ ދީނީ އިލްމުވެރިން ކޮބައިހެއްޔެވެ؟“ ކަމެވެ.

އާންމުންގެ ފާޑުކިޔުންތައް އިލްމުވެރިންނަށް އަމާޒުވަނީ ސަބަބެއް ނެތިއެއް ނޫނެވެ. މުސްލިމުންގެ ޢީދު ފާހަގަކުރާ ގޮތްތަކާއި، މިއުޒިކް ކޮންސެޓްތަކާއި، ނުވަތަ ބައެއް ކަހަލަ ސަގާފީ ކަންކަމުގައި ފާޑުވިދާޅުވެ، ބަޔާންތައް ނެރޭ ހިނދު، ސިޔާސީ މަސްރަޙުގައި ހިނގާ މިފަދަ ބޮޑެތި މުންކަރާތްތަކާ މެދު ހިމޭނުން ތިއްބަވާތީއެވެ. ޕޯޑިއަމްތަކުން މީހުންގެ އަބުރު ކަތިލާއިރު، ލައިވްކޮށް ހަޑިހުތުރު އެއްޗެހި ގޮވާއިރު، އެކަމާ ދެކޮޅަށް ނަސޭހަތެއް ދީ، ބަހެއް ބުނަނީ މަދު އިލްމުވެރިއެކެވެ.

އިލްމުވެރިންނަކީ ވަކި ފަރާތަކަށް ޖެހުމެއްނެތި، ޙައްޤު ބަސް ބުނަންޖެހޭ ބަޔެކެވެ. ސިޔާސީ ގޮތުން ތިމާ ތާއީދުކުރާ ފަރާތް ކަމުގައިވިޔަސް، ނުވަތަ އިދިކޮޅު ފަރާތް ކަމުގައިވިޔަސް، ދީނުގެ އިންތަކުން ބޭރުވުމުން އެކަމަށް ނަސޭހަތްތެރިވާންޖެހެއެވެ. ”ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން“ އޮންނަންވާނީ ހަމައެކަނި އާންމު ރައްޔިތުންގެ މައްޗަކަށް ނޫނެވެ. ސިޔާސީ މައިދާނުގައި ހިނގާ ނޭއްގާނީ އަމަލުތަކާ މެދުވެސް އިލްމުވެރިން ބަސްބުނަންޖެހެއެވެ. ނޫންނަމަ، އިލްމުވެރިންގެ މައްޗަށް އޮންނަ އިތުބާރު ގެއްލި، ދީނީ ނަސޭހަތުގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވެއްޓިގެން ހިނގައިދާނެއެވެ. މުސްލިމުންގެ ތެރޭގައި ބިންފަސާދަ ކުރަމުންދާއިރު ޢިލްމުވެރިން ހަނުތިބެއްޖެނަމަ އެ ސުވާލު ވެވޭނީ އެއިރަކު ވެރިކަމުގައި ހުންނަ މީހަކަށް ނޫނެވެ. ޚުދު އެއިން ކޮންމެ ޢިލްމުވެރިޔަކީ އެބޭފުޅުންނަށް ލިބިފައިވާ ޢިލްމު މި ބިންމަތީގައި ފެތުރިގޮތާއިމެދު މާތްﷲގެ ޙަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭނެ ބައެކެވެ.

އަޅުގަނޑުމެން ދާންވީ ކޮން ދިމާލަކަށް؟

ޙައްޖު މަހުގެ ބަރަކާތްތެރި މި ދުވަސްތައް އަޅުގަނޑުމެންނާ ބައްދަލުކޮށްފައިވާއިރު، މިއީ އަމިއްލަ ނަފްސު ހިސާބުކުރަންވީ ވަގުތެކެވެ. ސިޔާސީ ޕާޓީތަކާއި، އިދިކޮޅު ފަރާތްތަކާއި، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވެސް ވާދަވެރިކަމުގެ ތެރެއިން ދީނާއި އަޚްލާޤުގެ އިމުން ބޭރުވުމާމެދު ސަމާލުވާންޖެހެއެވެ. ހަމައެކަނި ވަކި ކަމަކަށް ފާޑުކިޔުމުގެ ބަދަލުގައި، މުޅި މުޖުތަމައު ހަލާކުކުރަމުންދާ ”ދުލުގެ ނުބައިކަމާއި“ ”އަބުރަށް އަރައިގަތުމުގެ“ ވަބާއިން ޤައުމު ސަލާމަތްކުރަން ބަސްބުނަންޖެހެއެވެ.

މި މާތް މަހުގެ ހުރުމަތް ހިފަހައްޓައި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ، އަބުރު ރައްކާތެރިކުރާ ބަޔަކަށް އަޅުގަނޑުމެން ދިވެހިން ވާންވެއްޖެއެވެ. ޙައްޖަތުލްވަދާއުގެ މެސެޖަކީ ހަމައެކަނި ތާރީޚީ ވާހަކައެއް ނޫނެވެ. އެއީ މިއަދުވެސް އަޅުގަނޑުމެން ޢަމަލުކުރަންޖެހޭ ދީނީ އަސާސެކެވެ.

މިލިޔުމާއި ގުޅޭ

ކޮމެންޓް

guest
0 ކޮމެންޓް
ކުރީގެ
ފަހުގެ އެންމެ ގިނަ ވޯޓް
ހަބަރުގެ ތެރެއިން ހިޔާލު
...ހިޔާލުތައް ކިޔާލުމަށް