ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ، އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުންދާ މަސައްކަތްޕުޅަކީ ވެއްޓިފައިވާ އަނދަވަޅުން ދިވެހި މަސްވެރިކަން ސަލާމަތްކުރެއްވުން ކަމަށާއި، އެކަމުގައި އެމަނިކުފާނު ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވަމުންދާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.
ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި، އިނގިރޭސިވިލާތަށް ބޭރުކުރާ ދިވެހި މަހާއި މަހުގެ އުފެއްދުންތަކުން ނަގަމުން އައި ޓެރިފް ކަނޑައިލުމަށް އެ ގައުމުން ނިންމި ނިންމުމަށް މަރުހަބާ ކިޔަމުން ބުނެފައިވަނީ، މިއީ މަސްވެރިކަމުގެ ސިނާއަތަށް އައު ފަހިކަމާއި ކުރިއެރުން ހޯއްދަވައިދެއްވުމަށް ރައީސް ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅުގެ ނަތީޖާ ކަމަށެވެ. މި އުފާވެރި މުނާސަބަތުގައި، ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކުގެ ނަމުގައި ރައީސް ޑރ. މުޢިއްޒަށާއި ސަރުކާރަށް ޕީއެންސީން ވަނީ ޝުކުރު ދަންނަވާފައެވެ.
ރައީސް ޑރ. މުޢިއްޒު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ރަސްގެފާނު ޗާލްސް ތިންވަނައާއި ސަރުކާރުގެ އިސްވެރިންނާއެކު ބޭއްވެވި މަޝްވަރާތަކުގައި އެންމެ ބޮޑަށް އެދިވަޑައިގަތީ ދިވެހި މަހުން ނަގާ ޓެރިފް ކަނޑައިދިނުމަށެވެ. އެ މަޝްވަރާތަކަށްފަހު، 20 މޭ 2026 އިން ފެށިގެން އިނގިރޭސިވިލާތުން ދިވެހި މަހުން ޓެރިފް ނުނަގާ ގޮތަށް ހަމަޖެހުމަކީ ދިވެހި މަސްވެރިންނަށާއި ވިޔަފާރިތަކަށް ލިބުނު ރަނުގެ ފުރުސަތެކެވެ.
އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 16 އާއި 18 މިލިއަން ޕައުންޑުގެ މަސް ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާއިރު، ރާއްޖެއަކީ އެ ގައުމަށް އެންމެ ގިނައިން މަސް އެކްސްޕޯޓްކުރާ ގައުމުތަކުގެ ލިސްޓުގެ ނުވަވަނައިގައި އޮތް ގައުމެވެ. ޓެރިފް ކަނޑައިލުމުން، މި ބޮޑު ބާޒާރަށް މަސް ބޭރުކުރާ މިންވަރު އިތުރުވެ، ސިނާއަތުގެ އާމްދަނީ ބޮޑުތަނުން އިތުރުވާނެ ކަމަށް ޔަގީންކުރެވެއެވެ.
މީގެ އިތުރުން، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމާއި، ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ފަހިކޮށްދެއްވުމަކީވެސް ރައީސްގެ އިސްނެންގެވުމުގެ ދަށުން ކުރެވިފައިވާ މުހިންމު ކަންކަމެވެ. އަދި މަސް އޮޑިފަހަރުގައި ލޮނުން ގަނޑުފެން އުފެއްދޭނެ ނިޒާމު ގާއިމުކުރުމަށް މާލީ އެހީތެރިކަން ދެއްވުމާއި، ދިވެހި މަސްވެރިކަން ޕްރޮމޯޓްކުރުމަށް ވަކި ކުންފުންޏެއް އުފެއްދެވުން ފަދަ ކަންކަމާއެކު، ދިވެހި މަސްވެރިކަން މުޅިން އައު ޒަމާނަކަށް ވާސިލުވެފައިވާ ކަމަށް ޕީއެންސީން ފާހަގަކުރެއެވެ.
މި ބަޔާން ނިންމާލަމުން ޕީއެންސީން ބުނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި މަސްވެރިންގެ ހައްގުގައި ކުރަމުންދާ މަސައްކަތްތަކަކީ ގައުމީ އިގްތިސާދު ވަރުގަދަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.












