ޣައްޒާ / ބެއިރޫތު – މިއީ ހިތްފަޅައިގެންދާފަދަ ޢަދަދުތަކެކެވެ. އިޒްރޭލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ 75،000 އިން މައްޗަށް ގޮސްފައެވެ. ހަމައެއާއެކު، ލުބުނާނަށް ދެމުންދާ ޙަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު ވަނީ 3،000 ފަހަނައަޅާފައެވެ.
މިއީ ހަމައެކަނި ހިސާބު އަކުރުތަކެއް ނޫނެވެ؛ މިއީ އެންމެ ދެއަހަރު ތެރޭ ދުނިޔޭގެ ކުރިމަތީގައި ނެތިކޮށްލި 78،000 އިންސާނުންގެ ފުރާނައެވެ. ނަމަވެސް، މެދުއިރުމަތި ލެއިން ތަތްތެޅެމުންދާއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޢަމަލުތަކުން ހާމަވަނީ ވަރަށް ބިރުވެރި ޙަޤީޤަތެކެވެ: އެއީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އިންސާނިއްޔަތު ޙިމާޔަތްކުރަން ހެދި ދުނިޔޭގެ ނިޒާމު މަރުވެއްޖެކަމެވެ.
ވެންޓިލޭޓަރުގައި އޮތް އދ.
އދ. (ޔޫ.އެން) އަކީ އަންނަން އޮތް ޖީލުތައް ހަނގުރާމައިގެ ބިރުވެރިކަމުން ސަލާމަތްކުރަން އުފެއްދި މުއައްސަސާއެކެވެ. ނަމަވެސް މިއަދު އދ. އޮތީ ވެންޓިލޭޓަރަށް ލައިފައެވެ. އެ މުއައްސަސާގެ ސިކުނޑި ވަނީ މަރުވެފައެވެ. ޤަތުލުއާންމަށް ފަންޑުކުރާ ބޮޑެތި ބާރުތަކުގެ ވީޓޯގެ ސަބަބުން އދ. އޮތީ އެއްކޮށް ވާގިނެތިފައެވެ. މިއަދު އދ. ވެފައިވަނީ ހަމައެކަނި މަރުވާ މީހުން ގުނަން ތިބޭ، އަދި އެއްވެސް ބާރެއްނެތް ޤަރާރުތަކެއް ފާސްކުރާ އިދާރާއަކަށެވެ. މުޅި ދުނިޔެއަށް ފެންނަގޮތަށް ޓީވީތަކުން ލައިވްކޮށް ހިންގާ ޤަތުލުއާންމެއް ހުއްޓުވުމުގެ ބާރު ނެތްނަމަ، އދ. ގެ ބޭނުމަކީ ކޮބައިތޯއެވެ؟
ޑިމޮކްރަސީ އާއި ޙައްޤުތަކުގެ ”ޗެމްޕިއަނުން“ ގެ ދެފުށްކެހެރިކަން
އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ ޗެމްޕިއަނުން ކަމަށް ދަޢުވާކުރާ ޤައުމުތައް ކޮބައިތޯއެވެ؟ އެމެރިކާއާއި އިނގިރޭސިވިލާތާއި ހުޅަނގުގެ ބާރުތަކުން އަބަދުވެސް އުޅެނީ އިންސާނީ ޙައްޤުތަކާއި، އަންހެނުންގެ ޙައްޤުތަކާއި، އަދި މިހެންގޮސް ޖަނަވާރުންނާއި ތިމާވެށްޓަށް ދާންދެން ޙައްޤުތަކުގެ ނަމުގައި ކުދި ޤައުމުތަކަށް ފިލާވަޅު ނަގައިދޭށެވެ.
ނަމަވެސް، ޤަތުލުއާންމު ހިންގަނީ އެމީހުންގެ މަސްލަޙަތު އޮންނަ ބަޔަކު ކަމަށް ވާނަމަ، މި ދެންނެވި އިންސާނީ ޙައްޤުތައް ކުއްލިއަކަށް ގެއްލެއެވެ. 78،000 މީހުންގެ ހަށިގަނޑުތައް އިމާރާތްތަކުގެ ދަށުން ނެރެމުންދާއިރު، ހުޅަނގުގެ ބާރުތަކުން ތިބީ ހަމައެކަނި ހަނުއެއް ނޫނެވެ؛ ޣައްޒާއާއި ބެއިރޫތު ސުންނާފަތި ކުރަމުންދާ 2،000 ރާތަލުގެ ބޮންތަކާއި، ހަތިޔާރާއި، ޑިޕްލޮމެޓިކް ޙިމާޔަތް އިޒްރޭލަށް ފޯރުކޮށްދެނީ ސީދާ އެ ޤައުމުތަކުންނެވެ. އިންސާނީ ޙައްޤުތަކަކީ ހުޅަނގުން ހަމައެކަނި އެމީހުންގެ ސިޔާސީ ބޭނުމަށް ގެންގުޅޭ ހަތިޔާރެއްކަން މިއަދު މުޅި ދުނިޔެއަށް ސާފުވެއްޖެއެވެ.









