އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަނިކޮށް ގެއްލިގެން ހޯދަމުން ދާ އިޓަލީގެ ހަތަރު ޑައިވަރުންގެ ތެރެއިން ބާކީ ތިބި ދެ މީހުންގެ ހަށިގަނޑު ވެސް ނަގައިފިއެވެ.
ވ. އަތޮޅުގައި ހިނގި ޑައިވިންގ ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަނީ ރާއްޖެ އައި ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންނާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެންނެވެ. އެމްއެންޑީއެފްއިން އިއްޔެ ވަނީ އެ އޮޕަރޭޝަނުގައި، އެމީހުންގެ ހަށިގަނޑުތައް ޑައިވްކުރި ހޮހަޅައިގެ ތެރެއިން ލޮކޭޓްކުރެވިފައިވާ ކަމަށް ބުނެފައެވެ. އެ ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު އިއްޔެ ވަނީ ނަގައިފައެވެ.
ވ. އަތޮޅަށް ޑައިވިންގއަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމްއާރުސީސީއަށް ލިބިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 13:45 އެހާއިރެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ކަމާގުޅުން ހުރި ފަރާތްތަކުން ވަނީ އެ މީހުން ހޯދުމުގެ މަސައްކަތް ވަގުތުން ފަށައިފައެވެ.
މި ހާދިސާގައި ގެއްލިފައިވަނީ އެ އުޅަނދުން ޑައިވިންގއަށް ދިޔަ އިޓަލީ ވިލާތަށް ނިސްބަތްވާ ޑައިވިން އިންސްޓްރަކްޓަރަކާއި ހަތަރު ޑައިވަރުންނެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފުރަތަމަ ފެނިފައިވަނީ ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. އޭނާގެ ހަށިގަނޑުވެސް ފެނުނީ ހޮހަޅައިގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ އޮފިސަރަކު މިދިޔަ ހޮނިހިރު ދުވަހު ވަނީ ޑީކޯވެގެން ނިޔާވެފައެވެ.














