ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ޒަމާނީ ވަސީލަތްތަކާއެކު ފަރުވާ ދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ޖެނެރަލް ސާޖަރީގެ ޚިދުމަތްތައް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި އިއްޔެ ރަސްމީކޮށް ފަށައިފިއެވެ.
އައިޖީއެމްއެޗުން ހާމަކޮށްފައިވާ 2023، 2024 އަދި 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޑޮކްޓަރުންގެ އޯޕީޑީތަކަށް ދެއްކި ބަލިމީހުންގެ ތެރެއިން ބޮޑު އިންސައްތައަކީ މިފަދަ އޮޕަރޭޝަންތަކަށް ބޭނުންވެފައިވާ މީހުންނެވެ. މީގެކުރިން މި ބަލިތަކަށް ކުރަމުން އައި އޮޕަރޭޝަންތަކަކީ ބޮޑުތަނުން ކަފާލައިގެން ކުރާ، އަދި އޭގެ ސަބަބުން ބަލިމީހާ ގިނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބާއްވަންޖެހޭ ފަރުވާތަކެކެވެ. ނަމަވެސް، އަލަށް ތަޢާރަފްކުރި ލޭޒަރ ސާޖަރީގެ ސަބަބުން ބަލިމީހާ ތަހައްމަލްކުރަންޖެހޭ ވޭން ކުޑަވެ، ބަލި ފަސޭހަވާ މުއްދަތު އަވަސްވެގެންދާނެއެވެ.
ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ ޖެނެރަލްސާޖަރީގެ ބައެއް އޮޕެރޭޝަންތައް ކުރުން މި ހޮސްޕިޓަލުންނާއި އަދި ދަރުމަވަންތަ ހޮސްޕިޓަލުން ރަސްމީކޮށް ފަށައިފި.
މީގެ ސަބަބުން ހޮސްޕިޓަލުގައި ބާއްވަންޖެހޭމުއްދަތު ކުރުވުމާއި އަވަހަށް ފަސޭހަވުމާއި ތަދު ކުޑަވުމަކީ ބަލިމީހާ އަށް ލިބޭނެ… pic.twitter.com/kPUtE5MwCy— IGMH (@igmhmv) May 18, 2026
މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗުގައި ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރަން ފަށާފައިވާ 4 ބާވަތެއްގެ އޮޕަރޭޝަނަކީ:
- ފައިގެ ލޭނާރުތައް ދުޅަވެ ގޮށްޖެހުމުން ކުރާ އޮޕަރޭޝަން (އެންޑޯވީނަސް ލޭޒަރ ޓްރީޓްމެންޓް)
- ފުރަގަސްފަރާތުގެ ބައްޔަށް ކުރާ ލޭޒަރ ސާޖަރީ (ހެމޮރޮއިޑޯޕްލާސްޓީ)
- ފުރަގަސްފަރާތުގައި އުފެދޭ ދޮސް އަންނަ މަގު ނުވަތަ އެނަލް ފިސްޓުލާއަށް ކުރާ އޮޕަރޭޝަން (ފިސްޓުލާ ޓްރަކްޓް ލޭޒަރ ކްލޯސަރ)
- ޕައިލޯނީޑަލް ސައިނަސްއަށް ކުރާ ލޭޒަރ އޮޕަރޭޝަން (ސައިނަސް ލޭޒަރ ކްލޯޒަރ)
މި އޮޕަރޭޝަންތަކުގެ ސަބަބުން ބޮޑުތަނެއް ކަފާލުމަކާ ނުލައި ފަރުވާ ދެވޭތީ، އިންފެކްޝަންވުމުގެ ފުރުޞަތު ކުޑަވެ، ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މުއްދަތު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ. މީގެ ސަބަބުން ބަލިމީހުންނަށް އަވަހަށް މަސައްކަތުގެ މާޙައުލަށް އެނބުރި ދިއުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމުގެ އިތުރުން، އައިޖީއެމްއެޗުގެ ޖެނެރަލް ސާޖަރީ ޓީމުގެ ޑޮކްޓަރުންނާއި އޮޕަރޭޝަން ތިއޭޓަރުގެ ނަރުހުން ވަނީ އިންޑިއާގެ ހޮސްޕިޓަލުތަކުގައި ޚާއްޞަ ތަމްރީނުތަކާއި ވޯކްޝޮޕްތައް ފުރިހަމަކޮށްފައެވެ. މިއީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޞިއްޙީ ދާއިރާއަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން، ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ އަދި ކުރިއަރާފައިވާ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ.












