ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދެވި އިމާދުއްދީން ސްކޫލުގެ ނަމޫނާ މުދައްރުސެއް ކަމަށްވާ އާމިނަތު ރިޒާނާ (43 އަހަރު) މިއަދު ހެނދުނު ނިޔާވެއްޖެއެވެ.
އާމިނަތު ރިޒާނާ ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާއަކީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔާ ހިތްވަރާއެކު ހަނގުރާމަކުރައްވަމުން ގެންދެވި ބޭފުޅެކެވެ.
ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ރިޒާނާގެ މަސައްކަތް ފެއްޓެވީ ރ. ދުވާފަރު ޕްރައިމަރީ ސްކޫލުންނެވެ. އޭގެ ފަހުން މާލޭގެ ހިރިޔާ ސްކޫލުގައި ވެސް އޭނާ ވަނީ ކިޔަވައިދެއްވާފައެވެ. ނިޔާވިއިރު އޭނާ މަސައްކަތް ކުރައްވަމުން ގެންދެވީ އިމާދުއްދީން ސްކޫލުގެ ސެން (ސްޕެޝަލް އެޑިއުކޭޝަނަލް ނީޑްސް) ޓީޗަރެއްގެ ގޮތުގައެވެ. އެ ސްކޫލުގައި އޭނާ ޚިދުމަތް ކުރައްވާތާ މިހާރު ފަސް އަހަރު ވެއްޖެއެވެ.
ރިޒާނާގެ ވަކިވުމާ ގުޅިގެން އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލީ މަމްދޫޙް މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ރިޒާނާއަކީ ސްކޫލާއި ދަރިވަރުންދެކެ ނުހަނު ލޯބިވި، މަސައްކަތަށް ފަރުވާތެރި މުދައްރިސެއް ކަމަށެވެ. އަދި ބަލި އެނދުގައި އޮންނެވިއިރުވެސް އޭނާގެ އެންމެ ބޮޑު އުންމީދަކީ ސްކޫލަށް ނުކުމެ ކުދިންނަށް ކިޔަވައިދެއްވުން ކަމަށް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.
”ސްކޫލަށް ނުދެވިގެން، ދަރިވަރުންނާ ބައްދަލުނުވެގެން އުޅޭނީ. އެހާވެސް ބޮޑަށް ދަރިވަރުންނާއި ސްކޫލްދެކެ އޭނާ ލޯބިވޭ،“ މަމްދޫޙް ވިދާޅުވިއެވެ.
ރިޒާނާގެ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ. އޭނާގެ ވަކިވުމަކީ އިމާދުއްދީން ސްކޫލަށާއި މުޅި ތައުލީމީ ދާއިރާއަށް ލިބުނު ފޫނުބެދޭނެ ބޮޑު ހިތާމައެކެވެ.









