މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ ޗެއަރމަންކަމުގެ މަގާމުން ޝަމްހޫޒާ އަޙްމަދު މިއަދު ވަކިކޮށްފިއެވެ.
މިކަމާ ގުޅިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފައިވަނީ މިއަދުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ޗެއަރމަންކަމުގެ މަޤާމުންނާއި ޑިރެކްޓަރުންގެ ބޯޑުން ވެސް ޝަމްހޫޒާ ވަކިކޮށްފައިވާ ކަަމަށެވެ. ނަމަވެސް، ޝަމްހޫޒާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއްނުވެއެވެ.
މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑްގެ، ޗެއަރމަންކަމުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުން ސ. ފޭދޫ ނާޒުކީގޭ އަލްފާޟިލާ ޝަމްހޫޒާ އަޙުމަދު މިއަދުން ފެށިގެން ވަނީ ވަކިކޮށްފައެވެ.
— Privatization & Corporatization Board (@pcb_gov) May 17, 2026
އެމްޑަބްލިއުއެސްސީގެ ޗެއަރމަންކަމުގެ މަގާމަށް ޝަމްހޫޒާ އައްޔަނު ކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. ޝަމްހޫޒާ އެ މަގާމަށް އައްޔަން ކޮށްފައިވަނީ، ކުރިން އެ މަގާމުގައި ހުރި އަޙްމަދު މަޢުސޫމު އެ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު އިސްތިއުފާދިނުމާ ގުޅިގެންނެވެ.
ޝަމްހޫޒާ ވަކިކުރި ސަބަބާއި ބެހޭގޮތުން ’އެކިއެމްވީ‘ އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ ވަކިކުރި ވަކި ސަބަބެއް އެނގިފައިނުވާ ކަމަށެވެ. އަދި ސަރުކާރާއި މެދު އެއްވެސް ހިތްހަމަ ނުޖެހުމެއްވެސް، މައްސަލައެއްވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ޝަމްހޫޒާ އަކީ މާލެސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއިބެހޭ ކަންކަމުގައި ގިނަ ދުވަސްތަކެއް ޚިދުމަތްކޮށްފައިވާ ފަރާތެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އަންނަނީ އެކި ކުންފުނިތަކުގެ ބޯޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންނެވެ.













